ރައީސް ނަޝީދު އަށް ޓެރަރިސްޓު ހަމަލާ ދިން މީހުން އިންސާފުގެ ކުރިމައްޗަ ގެންނާނަން – ރައީސް

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަށް އަމާޒުކޮށް ޓެރަރިސްޓު ހަމަލާ ދިން މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް އެ މީހުން ކުރި އަމަލުތަކަށް ޒިންމާދާރު ކުރެވޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ފިޠުރު ޢީދުގެ މުނާސަބަތުގައި ޤައުމާ މުޚާތަބުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަހަރުގެ ފިޠުރު ޢީދު ދިވެހިންނާއި ބައްދަލުވިއިރު، މުޅި ޤައުމު މިވަނީ ކުއްލިސިހުމެއްގެ ތެރޭގައެވެ. މިމަހުގެ 6ވަނަ ދުވަހުގެރޭ އިރާކޮޅު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ސީދާ އަމާޒުކޮށް، މާލޭގައި ދިން ބޮމުގެ ނުރައްކާތެރި ޙަމަލާއަކީ، ދިވެހިންގެ ހިތްތަކަށް ބިރުވެރިކަމާއި، ނުތަނަވަސްކަން ނިހާޔަތަށް ވެރިކުރުވި ޓެރަރިސްޓް ޙަމަލާއެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެފަދަ މީހުންނަށް ގާނޫނުތައް ވަށާލާނެ ކަމަށާއި އަދުލު އިންސާފު އެމީހުންނާއި އަރާ ހަމަ ކުރާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މި މައްސަލައާ ގުޅޭ ތިން މީހަކު މިހާރު ހައްޔަރު ކުރެވިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

“މިނިވަން ތަހުގީގަކަށްފަހު، އިންސާފުގެ ކުރިމައްޗަށް އެމީހުން ގެނެވޭނެ. އެމީހުން އެކުރި އަމަލުތަކަށް އެމީހުން ޒިންމާދާރު ކުރުވޭނެ،” ރައީސް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!