ފިޔަވަޅުތަކަށް ރަނގަޅަށް ޢަމަލުނުކޮށްފިނަމަ އިތުރު ފިޔަވަޅުތައް އަޅަންޖެހިދާނެ: ރައީސް

ރާއްޖޭގެ ޙާލަތު އިތުރަށް ގޯސްވުމާ ގުޅިގެން މިހާރު އަޅަން ފައްޓާފައިވާ ފިޔަވަޅުތަކަށް ރަނގަޅަށް ޢަމަލުނުކޮށްފިނަމަ އިތުރު ފިޔަވަޅުތައް އަޅަންޖެހިދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މިބަލި މަޑުކަމުގައި އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، މިބަލިމަޑުކަމާ ގުޅިގެން ދިވެހި ރައްޔިތުން ރައްކާތެރިކުރުމަށްޓަކައި އެތައް ދުވަހަކު ވެރިރަށް މާލެ ފުރަބަންދުގައި ބާއްވައި، ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް، ފަތުރުވެރިކަން މެދުކަނޑައިލެވުނުކަމަށެވެ. އޭގެ ސަބަބުން، ބަލި ޖެހޭ މީހުންގެ ޢަދަދު އޭރު ވަރަށް ބޮޑަށް ދަށަށް ދިޔަ ނަމަވެސް އިޤްތިޞާދަށް ލިބުނު ގެއްލުން އިންތިހާއަށް ބޮޑުކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކޯވިޑް-19ގެ ސަބަބުން، ނިސްބަތުން އެންމެ ބޮޑު އިޤްތިޞާދީ ގެއްލުމެއް ރާއްޖެއަށް ކުރިމަތިވިއިރު، މިހާރު ފަތުރުވެރިކަން ފަށާފައި ވީނަމަވެސް އަދިވެސް ރާއްޖޭގެ އިޤްތިޞާދު އޮތީ ނާޒުކުފައްތަރެއްގައިކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

“ކޯވިޑް-19ގެ ސަބަބުން، ނިސްބަތުން އެންމެ ބޮޑު އިޤްތިޞާދީ ގެއްލުމެއް ކުރިމަތިވި އެއް ޤައުމަކީ ދިވެހިރާއްޖެ. ހަތަރު މަސްދުވަހުގެ މެދުކެނޑުމަކަށް ފަހު، ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައި، ފަތުރުވެރިކަން ފަށާފައި ވީނަމަވެސް އަދިވެސް ރާއްޖޭގެ އިޤްތިޞާދު އޮތީ ވަރަށް ނާޒުކުފައްތަރެއްގައި” ރައީސް ވިދާޅުވިއެވެ.

ބަލިމަޑުކަން މުޅިން ކޮންޓްރޯލް ނުވިޔަސް، ވިޔަފާރިތައް ހުއްޓި، އާމްދަނީ ހޯދޭނެ ގޮތެއްނެތި، ރައްޔިތުންގެ ދިރިއުޅުމަށް ކުރިމަތިވި ގޮންޖެހުންތަކާ ގުޅިގެން، ލުއިތަކެއް ދޭން ޖެހުނުކަމަށާއި، އެ ލުއިތަކާއެކު، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އެކަށީގެންވާ ވަރަށް ސަމާލުކަން ނުދެވުމުން، އަނެއްކާވެސް މިފެންނަނީ ބަލިފެތުރުން އިތުރުވާ މަންޒަރުކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބަލިން ރައްކާތެރިވުމަށް މިހާރު އަޅަން ފަށާފައިވާ ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒުކުރުމުގައި، ރައްޔިތުންގެ އެއްބާރުލުން އިންތިހާއަށް ބޭނުންވާކަމަށް ރައީސް ވިދާޅުވިއެވެ.

“މިހާރުގެ ޙާލަތަށް ބަލާއިރު، މި ބައްޔާ ދެކޮޅަށް، އަޅުގަނޑުމެން އެންމެންނަށް އެކުގައި މަސައްކަތް ނުކުރެވިއްޖެނަމަ، ޞިއްޙީ ނިޒާމަށް އޮބިނޯންނަ މިންވަރަށް ޙާލަތު ގޯސްވެދާނެ. މިބައްޔަށް މިހާރު މީހުން ފައްސިވާ ނިސްބަތަށް ބަލާއިރު، އިތުރު ފިޔަވަޅުތަކެއް އަޅަން މިވަނީ މަޖުބޫރުވެފައި” ރައީސް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!