ފިޠުރުޒަކާތުގެ ގޮތުގައި ގޮވާމުން ބަލައިގަތް ތަކެތި ދޫކުރަން ފަށައިފި

މިއަހަރުގެ ފިޠުރުޒަކާތުގެ ގޮތުގައި ގޮވާމުން ބަލައިގަނެފައިވާ ތަކެތި ފަޤީރުންނާއި މިސްކީނުންނަށް މިއަދު ދޫކުރަން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މިއަހަރުގެ ފިޠުރުޒަކާތް ދޫކުރުމަށް ހަމަޖެހިފައިވަނީ މިއަހަރު އަލަށް އެކުލަވާލެވުނު ފަޤީރުންގެ ދަފްތަރުގައިވާ ފަރާތްކަކަށް ކަމަށެވެ.

ފިޠުރު ޒަކާތުގެ ގޮތުގައި ގޮވާމުން ބަލައިގަނެފައިވާ ތަކެތި ފަޤީރުންނާއި މިސްކީނުންނަށް ދޫކުރުން އޮންނާނީ މިއަދު 10:00އިން ހަވީރު 15:30އާ ހަމައަށެވެ. އަދި ޒަކާތް ދޫކުރުމުގެ އިންތިޒާމް މިނިސްޓްރީން ހަމަޖައްސާފައިވަނީ ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގައެވެ. ޒަކާތް ދޫކުރާނީ ފަޤީރުންގެ ދަފްތަރުގައިވާ ފަރާތުގެ އައި.ޑީ ކާޑު، ޕާސްޕޯޓު ނުވަތަ އުފަންދުވަހުގެ ސެޓިފިކެޓުގެ އަސްލު ގެނައުންމުންކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މާލޭ ސަރަޙައްދުގައި ކޯވިޑް-19ގެ ބަލިމަޑުކަމާގުޅިގެން ކާފިޢު އިޢުލާންކޮށްފައިވާތީ، ލަސްނުކުރައްވައި ފިޠުރު ޒަކާތާ ޙަވާލުވުމަށް ވަޑައިގަތުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ.

1442 ވަނަ އަހަރު ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ދައްކަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލާފައިވަނީ މިމަހުގެ 4އިން 11އަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!