މާސްކު ނާޅާ އުޅުނު 136 މީހަކު ޖޫރިމަނާ ކޮށްފި

މާލެ ސަރަހައްދުގައި ބޭރުތެރޭ މާސްކު ނާޅާ އުޅުމުން އިތުރު 136 މީހަކު ޖޫރިމަނާ ކޮށްފި އެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ، މާލެ ސަރަހައްދުގައި ގެނެސްފައިވާ ރެސްޓްރިކްޝަންތަކާ އެކު ފުލުހުން މާލޭގެ މަގުތައް ބަލަހައްޓަވަމުން ގެންދަވާ ކަމަށެވެ.

އެގޮތުން މަގުމަތީ އުޅޭ މީހުންގެ ތެރެއިން، މިދިޔަ 24 ގަޑިއިރުތެރޭ މާސްކު ނާޅާ އުޅުމުގެ ސަބަބުން 136 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ. އަދި މާލެ ސަރަހައްދުގައި ކާފިއު އިއުލާނުކޮށްފައިވާ ވަގުތު ހުއްދަ ނެތި ބޭރުތެރޭ އުޅުނު 66 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ. 

މީގެ އިތުރުން ކާފިއު ވަގުތު ހުއްދަނެތި ދުއްވާ އުޅަނދުފަހަރުގައި އުޅުނު 11 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ބޭރުތެރޭ އުޅޭއިރު މާސްކު އެޅުން މަޖުބޫރު ކޮށްފައިވާއިރު، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ވަނީ ރޭގަނޑު 09:00 އިން ފެށިގެން ފަތިހު 04:00 އަށް ކާފިއު އިއުލާނު ކޮށްފައެވެ. އަދި މާދަމާ އިންފެށިގެން ހަފްތާއެއްގެ މުއްދަތަށް، ހަވީރު 04:00 އިން ފަތިހު 04:00 އަށް އެޗްޕީއޭއިން ވަނީ ކާފިއު އިއުލާނު ކޮށްފައެވެ. މިވަގުތު ތަކުގައި ހުއްދަ ނެތި ބޭރުގައި އުޅޭ މީހުން 1000 ރުފިޔާއިން ޖޫރިމަނާ ކުރެއެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!