އަދަދު އަރަނީ މައްޗަށް، އިތުރު 1501 މީހަކު ޕޮޒިޓިވް

ރާއްޖެއިން އިތުރު 1،501 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. އިއްޔެ 1،204 މީހަކު އަދި އޭގެ ކުރީ ދުވަހު 1091 މީހަކު ޕޮޒިޓިވްވިއެވެ. މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 38،520 އަށް އަރާފަ އެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 1229 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއަދު ޕޮޒިޓިވި މީހުންގެ ތެރެއިން 267 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓްތަކުން ހަތް މީހަކު ޕޮޒިޓިވްވެފައިވެއެވެ.

މިއަދު ނަތީޖާ ލިބުނު ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވެފައިވާ ސާމްޕަލްތަކުގެ ތެރޭގައި މީގެ ދެތިން ހަތަރު ދުވަސްކުރިން ނެގި ސާމްޕަލްތައްވެސް ހިމެނެއެވެ. މިދިޔަ ސައުވީސް ގަޑިއިރުތެރޭ ނެގި ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވީ 662 ސާމްޕަލެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 11،629 މީހުންނެވެ. މިހާތަނަށް 26،795 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 247 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވީ 87 މީހަކު މަރުވެފައިވެއެވެ.

ހަތް ދުވަހު ޕޮޒިޓިވް ނަންބަރު ހުރި ގޮތް

  • މެއި 4 – 601 މީހަކު ޕޮޒިޓިވް
  • މެއި 5 – 743 މީހަކު ޕޮޒިޓިވް
  • މެއި 6 – 703 މީހަކު ޕޮޒިޓިވް
  • މެއި 7 – 766 މީހަކު ޕޮޒިޓިވް
  • މެއި 8 – 509 މީހަކު ޕޮޒިޓިވް
  • މެއި 9 – 1091 މީހަކު ޕޮޒިޓިވް
  • މެއި 10 – 1204 މީހަކު ޕޮޒިޓިވް

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވަމުންދާއިރު ފިޔަވަޅުތައްވެސް ދަނީ ހަރުކަށި ކުރަމުންނެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ ކޮވިޑް-19 ގެ ހާލަތުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން މާދަމާއިން ފެށިގެން މާލެ ސަރަހައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ހަވީރު ހަތަރަކުން ފަތިހު ހަތަރަކާ ދެމެދު ބޭރަށް ނިކުމެ އުޅުން މަނާ ކޮށްފައިވާ ކަމަށެވެ. މިއީ ހަފްތާއެއްގެ މުއްދަތަށް އޮތް އެންގުމެކެވެ.

Written by

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!