ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ތަސްދީޤުކުރައްވައިފި

ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނަށް އެއްވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީޤުކުރައްވައިފިއެވެ.

މި ބިލަކީ، އެޕްރީލް މަހުގެ 29 ވީ ބުރާސްފަތި ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 37 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި ބިލަށް ގެންނެވި އިޞްލާޙާއި އެކު، ޢާންމު ޞިއްޙަތަށް ކުއްލި ނުރައްކަލުގެ ޙާލަތެއް ދިމާވެއްޖެނަމަ ޚަރަދުކުރުމަށް ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ މިންވަރަށްވުރެ އެ ޙާލަތުގައި ކުރަންޖެހޭ ޚަރަދު އިތުރުވާނަމަ، މާލީ ކަންކަމަށް ޒިންމާވާ ވަޒީރު، އެ އިތުރަށް ބޭނުންވާ ފައިސާގެ މިންވަރުގެ ތަފްސީލު ބަޔާންކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ބަޔާންކޮށްފައިވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުން ހުއްދަކުރާ މިންވަރަކަށް އަދި ކަނޑައަޅާ އުސޫލުގެ މަތިން މެނުވީ އެ ފައިސާ ބޭނުންކޮށްގެން ނުވާނެކަމަށްވެސް މި ބިލުގައި ހިމަނާފައިވެއެވެ.

ހަމައެއާއެކު، ޢާންމު ޞިއްޙަތަށް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމަށްފަހު، އެކަމާ ގުޅިގެން ކޮންމެ މަހަކު ހިނގާ އެންމެހައި ޚަރަދުގެ ތަފްސީލާއި، ކުރިއަށް އޮތް ދެ މަސްދުވަހު ޚަރަދުވާނެކަމަށް ލަފާކުރާ މިންވަރުގެ ތަފްސީލު، ކޮންމެ ދެ މަހަކުން، މާލީ ކަންކަމަށް ޒިންމާވާ ވަޒީރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި ޢާންމު ޞިއްޙަތަށް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައި އޮތްއޮތުން ނިމުމަކަށް އަންނަތާ ގިނަވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެ ޙާލަތާ ގުޅިގެން ކުރި އެންމެހައި ޚަރަދުތަކުގެ ފުރިހަމަ އޮޑިޓެއް ކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށާއި އޮޑިޓަރ ޖެނެރަލްއަށް ހުށަހެޅުމަށްވެސް މި ބިލުގައި ހިމަނާފައިވެއެވެ. އަދި މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ އެންމެހައި ތަފްސީލާއި ރިޕޯޓު، ޢާންމުންނަށް ލުއިފަސޭހަކަމާއެކު ލިބޭނެގޮތަށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމަށް ވަނީ މި ބިލުގައި ކަނޑައަޅުއްވާފައެވެ. މީގެ އިތުރުންވެސް ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު އިތުރަށް ހަރުދަނާކުރުމަށް މި ބިލުގައި ވަނީ މުހިންމު އިޞްލާޙުތަކެއް ހިމަނާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!