ތަހުގީގަށް ކުރިއެރުން ދަނީ ލިބެމުން: ޕޮލިސް

ކުރީގެ ރައީސް މުހަންމަދު ނަޝީދު އަވަހާރަކޮށްލަން ބުރާސްފަތި ދުވަހުގެ ރޭ ދިން ހަމަލައިގެ ތަހުގީގަށް ކުރިއެރުން ލިބެމުން އަންނަ ކަމަށް އެސިސްޓެންޓް ކޮމިޝަނާ އޮފްް ޕޮލިސް މުހަންމަދު ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.

ފުލުހުން މިހާރު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ، މި މައްސަލައިގެ ތަހުގީގު އޮތީ ވަރަށް މުހިންމު، އަދި ތަހުގީގުގެ ކުރީގެ މަރުހަލާއެެއްގައި ކަމަށް ވާތީ އެހާ ގިނަ މައުލޫމާތުތައް ހާމަކުރަން އުޒުރުވެ ވަޑައިގަންނަވާ ކަމަށެވެ.

ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާ އަށް ފަހު، ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެކަމަކު އެ ތިން މީހުން ވެސް ވަނީ ކުށަށް އިންކާރުކޮށްފަ އެވެ.

ރިޔާޒް ވިދާޅުވީ ހަމަލާ ހިނގި ސަރަހައްދު މިހާރު އާންމުންނަށް ދަތުރުކުރެވޭ ގޮތަށް ހުޅުވާލައިފައިވާ ކަމަށެވެ. އަދި އެތަން ހުޅުވާލީ ތަހުގީގަށް ބޭނުންވާ ވަރަށް އެތަނުން ސާމްޕަލްތައް ނެގުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް އެ ހިސާބުގެ ބައެއް ގެތަކުގައި، މި ހަމަލާގައި ބުރައިގެން ދިޔަ ރޭޒާފުއްތައް ކަހަލަ އެއްޗެހި ހުރުން އެކަށީގެންވާތީ، އެ އެއްޗެހި ފެނިއްޖެ ނަމަ ފުލުހުންނަށް އެންގުމަށް އޭނާ އެދިވަޑައިގަތެވެ.

ބޮމުގެ ހަމަލާ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދު އާއި މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ) އެވެ. ތަހްމީނަކީ ބޮން ގޮއްވާލުމަށް ބޭނުން ކުރި ސައިކަލްގެ ވެރިމީހާ އެވެ. އެ މީހުން މިވަގުތު ތިބީ 15 ދުވަހުގެ ބަންދެއްގައެވެ.

ރިޔާޒު ވިދާޅުވީ ތަހުގީގަށް ކުރިއެރުން ލިބެމުންދިޔަ ނަމަވެސް ތަހުގީގު އޮތީ އަދި ވަރަށް ކުރީ މަރުހަލާއެއްގައި ކަމަށެވެ. އެހެން ކަމުން ތަހުގީގާ ގުޅޭ ގިނަ މައުލޫމާތުތައް އަދި ހާމަކުރެވެން ނެތް ކަމަށެވެ.

އޭނާ ވިދާޅުވީ ހައްޔަރުކުރެވިފައިވާ މީހުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް އޮތް ނަމަވެސް ކޮންމެ މީހަކަށްވެސް ގާނޫނީ ރައްކާތެރިކަން ލިބޭނެ ކަމަށެވެ. އަދި ތަހުގީގު ހިނގަމުންދަނީ ޖިނާއީ އިޖުރާތުގެ ގާނޫނާއި އެއްގޮތަށް ކަމަށް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!