ލޮކްޑައުނަކަށް ދާން އަދި ނުނިންމާ: މަބްރޫކް

މާލެސިޓީ ފުލްކޮށް ލޮކްޑައުން ކުރުމަށް އަދި ނިންމާފައިނުވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެކަމާއި ގުޅޭގޮތުން ސުވާލު ކުުރުމުން ސަރުކާރުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ ރޭގެ ނިޔަލަށް އެފަދަ ނިންމުމެއް ނިންމާފައިނުވާ ކަމަށެވެ. އެހެންނަމަވެސް ހާލަތު ގޯހުން ގޯހަށް ދާ ކަމަށްވާ ނަމަ ލޮކްޑައުން އަކަށް ވެސް ދާނެ ކަމަށެވެ.

މަބުރޫކް ވިދާޅުވީ އިތުރު ފިޔަވަޅުތައް އެޅުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ނަމަވެސް އެއީ ލޮކްޑައުން ކުރުން ކަމެއް ނުވަތަ ނޫން ކަމެއްވެސް ވިދާޅެއް ނުވެއެވެ.

ފުލް ލޮކްޑައުނަކަށް ގޮސްދާނެކަމުގެ ބީރު ހީވެފައިވަނީީ ކޮވިޑް-19ގެ ކޭސްތައް ދަށްނުވާނަމަ ފުލް ލޮކްޑައުނަކަށް ދާން ޖެހިދާނެ ކަމުގެ އިންޒާރު ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގެ މެމްބަރު ޑރ. އަހުމަދު ޝަހީދު ދެއްވުމާ ގުޅިގެންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!