ސީޒަންގެ ގޮތް އެނގުނީ ފިލްމު އިންޑަސްޓްރީއަށް ވަނީމަ: ޝިފާ

ދިވެހި ފިލްމީ ދާއިރާގައި ތިބި އެންމެ ހުނަރުވެރި ދެ އެކްޓަރުންގެ ގޮތުގައި ގިނަ ބަޔަކު ދެކޭ އަލީ ސީޒަން އާއި ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ ތެރެއިން އެކަކު ނަގާނަމަ ނަގާނީ ޔޫއްޕެ ކަމުގައި ޒުވާން ބަތަލާ މަރިޔަމް ޝިފާ ބުނެފިއެވެ.

ބައިސްކޯފުން ގެނެސްދޭ “ތުންތުންމަތިން” ގެ އެންމެ ފަހުގެ އެޕިސޯޑުގައި ބައިވެރިވަމުން ޝިފާ ވަނީ “މެމޮރީ ބުކް” ކިޔާ ގޭމެއް ކުޅެފައެވެ. އެ ފޮތުން ސީޒަން އާއި ޔޫއްޕެ އާއެކީ ޝިފާ ނަގާފައިވާ ދެ ފޮޓޯގެ ތެރެއިން ވީދާލާނީ ކޮން ފޮޓޯއެއްތޯ ޝޯގެ ހޯސްޓު އެހުމުން ޝިފާ ބުނީ އެއީ އޭނާއަށް މާ އުނދަގޫ ނިންމުމެއް ނޫން ކަމަށެވެ. އަދި ވީދާލާނީ ސީޒަންގެ ފޮޓޯ ކަމުގައި ބުނަމުން ޝިފާ ވަނީ އޭގެ ސަބަބުވެސް ކިޔައިދީފައެވެ.

ޝިފާ ބުނީ، ސީޒަން އަކީ ވަރަށް މޮޅު އަދި ވަރަށް ރަނގަޅު މީހެއް ކަމަށާއި ނަމަވެސް ބައެއް ފަހަރު އޭނާގެ ހުންނަ “އެޓިޓިއުޑް” އެއްގޮތަކަށްވެސް ކަމުނުދާ ކަމަށެވެ. އެގޮތުން އެއްޗެއް ބުނާއިރު، ދެން ހުރި މީހާއާ ދޭތެރޭ ނުވިސްނާ ކަމުގައި ޝިފާ ބުންޏެވެ.

އެހެންނަމަވެސް، ސީޒަން އަކީ ކުރިން އެންމެ ފެވަރިޓް އެކްޓަރު ކަމަށާއި، ފިލްމު އިންޑަސްޓްރީއަށް ޝިފާ ނުކުތުމުގެ ކުރިން ސީޒަން ޓީވީން ފެންނަ ކޮންމެ ފަހަރަކު “މޮޔަވާ” ކަމުގައި ބުނެއެވެ. އެކަން ބަދަލުވީ ފިލްމު އިންޑަސްޓްރީއަށް ވަދެ، ގާތުން ސީޒަންގެ ގޮތް އެނގި ވާހަކަދެކެވެން ފެށުމުން އޭނާގެ ކިބައިގައި ޝިފާ “ޑިސްލައިކް” ވާ ސިފަތަކެއް ހުންނަކަން އެނގުމުން ކަމަށް ބުންޏެވެ.

ސީޒަންގެ ފޮޓޯ ވީދާލަމުން ޝިފާ މާފަށް އެދޭތަންވެސް ފެނިގެންދެއެވެ. އަދި ކުރިއަށް އޮތްތާނގައި އެކުގައި މަސައްކަތްކުރަން ލިބިއްޖެނަމަ ކުރާނެ ކަމުގައި ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!