ކުރިއަށް އޮތް 5 ދުވަހު މޫސުން ގޯސްވާނެ

ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ ވިއްސާރަ ކުރާނެކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސް (މެޓް އޮފިސް) އިން ވިދާޅުވެއްޖެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިއަހަރުގެ ހުޅަނގު މޫސުން ރާއްޖޭ ސަރަޙައްދަށް ފެށެން ކައިރިވުމާއި ގުޅިގެން މާދަމާއިން ފެށިގެން ކުރިއަށްއޮތް 5 ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށެވެ. އަދި ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށާއި، އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. މީގެއިތުރުން ރާއްޖޭގެ ކަނޑުތައް ގަދަވެ، ބައެއް ރަށްތަކަށް އުދައެރެން އެކަށީގެންވާކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުންވެސް އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އަދި އެ އިދާރާއިން ވަނީ މާލެއަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ވައިޓް އެލަރޓްވެސް ނެރެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!