ކޮންމެ 5 ސާމްޕަލަކުން 3 ސާމްޕަލް ޕޮޒިޓިވް

މާލެ ސަރަހައްދުގައި ކޮންމެ ދުވަހަކުވެސް ސާމްޕަލް ނަގާ ކޮންމެ ފަސް މީހަކުން ތިން މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވާކަމަށް ހެލްތު ޕްރޮތެކްޝން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ރާއްޖެއިން ކޯވީޑް19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު ކޮންމެ ދުވަހަކުވެސް 500އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެގެން ރިޕޯޓްކުރެއެވެ. އަދި ހޮނިހިރު ދުވަހުގެ އަދަދުތައް މިވަނީ 1000ން މައްޗަށް އަރާފައެވެ. ފާއިތުވި ދެ ހަފްތާތެރޭގައި، ފްލޫ ކްލިނިކަށް ދައްކާ މީހުންގެ އަދަދު ވަނީ ހަތަރު ގުނައަށް އިތުރުވެފައިކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.

ފުލޫ ކްލިނިކަށް ދައްކާ މީހުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު މީގެތެރެއިން ވެސް ގިނަ ބަޔަކު އަންނަނީ ޕޮޒިޓިވް ވަމުންނެވެ. އެޗްޕީއޭއިން ބުނެފައިވަނީ ކޮންމެ ދުވަހަކު ވެސް ޢުމުރުން 10 އަހަރުން ދަށުގެ އަށްޑިހަ ވަރަކަށް ކުދިން ޕޮޒިޓިވްވާކަމަށެވެ. އޭގެ ތެރޭގައި އަހަރު ނުވާ ހަތަރު ނުވަތަ ފަސް ކުދިން ވެސް ހިމެނޭކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ރާއްޖޭގައި ކޮވިޑް ކޭސްތައް އިތުރުވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ ޢަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ. މިއާއެކު، އެނދުތައް މަދުވެ، އައިސީޔޫގައި ފަރުވާދޭ މީހުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ. އުމުރުން ދުވަސްވީ މީހުންނަށްވުރެ ގިނައީ، ޒުވާނުންކަން އެޗްޕީއޭއިންވަނީ ހާމަކޮށްފައެވެ. އެގޮތުން 230އަށް ވުރެ ގިނަމީހުން މިވަގުތު ވެސް އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނައިރު، އޭގެ ތެރޭގައި ޒުވާނުން ވެސް ހިމެނެއެވެ. އެޗްއީއޯސީން ބުނީ ވަރަށް ޒުވާން އުމުރުގެ މީހުން ވެސް ހާލު ސީރިއަސްވެ، އައިސީޔޫގައި ފަރުވާދޭކަމަށާއި، އޭގެތެރޭގައި ޢުމުރުން 26 އަހަރާއި 37 އަހަރާ ދެމެދުގެ މީހުން ވެސް ހިމެނޭކަމަށެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިނުވާ މީހުންކަން އެޗްޕީއޭއިން ފާހަގަކުރެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!