ކޮވިޑް ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެ، އަދަދު 85އަށް!

ކޮވިޑް-19 ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ހާމަކުރި ގޮތުގައި ހޯމަ ދުވަހު ނިޔާވެފައިވަނީ އައިޖީއެމްއެޗްގެ އިމަރޖެންސީ ރޫމުގައި އެޑިޓްކޮށްފައިވާ އުމުރުން 75 އަހަރުގެ ދިވެހި އަންހެނަކު ފަތިހު 04:00 ޖެހިއިރު ނިޔާވެފައިވާ ކަމަށެވެ. މިއީ ކޮވިޑް ޖެހިގެން ނިޔާވި 85 ވަނަ މީހާއެވެ.

ރާއްޖޭގައި ކޮވިޑް ޖެހިގެން ނިޔާވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު ވައިރަސްއަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ނަގާ ކޮންމެ ފަސް ސާމްޕަލަކުން 3 މީހުން ފޮޒިޓިވްވާ ކަމަށާއި ކޮންމެ ދުވަހު ޕޮޒިޓިވްވަމުންދާ ކުޑަކުދިންގެ އަދަދު އިތުރުވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އުމުރުން 10 އަހަރުގެ ދަށުގެ 80 ކުޑަކުދިން ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ ކަމަށާއި އޭގެ ތެރެއިން އަހަރު ނުވާ ހަތަރު ނޫނީ ފަސް ކުދިން ހިމެނޭ ކަމަށް ވެސް ވަނީ ބުނެފައެވެ.

ރާއްޖެއިން ދުވާލެއްގެ މައްޗަށް ވައިރަސްއަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައިވާއިރު ކޮވިޑް-19ގެ ކޭސްތައް ދަށްނުވާ ކަމަށްވާނަމަ ފުލް ލޮކްޑައުންއަކަށް ދާން ޖެހިދާނެ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގެ މެމްބަރު ޑރ. އަޙްމަދު ޝަހީދު ވަނީ ވިދާޅުވެފައެވެ.

ރާއްޖެއަށް ކުރިމަތިވި ކޮވިޑް-19ގެ ހަތަރުވަނަ ރާޅާއެކު ކޮންމެ ދުވަހަކު ވެސް ދަނީ ގިނަ ބަޔަކު ޕޮޒިޓިވްވަމުންނެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!