ނިމްޝާ މޯލްޑިވިއަންގެ ވަޒީފާއިން ކެނޑުނު ހަގީގީ ސަބަބު މިއޮތީ!

ރާއްޖޭގެ މަޝްހޫރު ޓިކްޓޮކް ތަރި ނިމްޝާ ޒާހިރު، ކުރިން އަދާކުރަމުންދިޔަ ކެބިން ކްރޫގެ ވަޒީފާއިން ވަކިވި ހަގީގީ ސަބަބު ކިޔައިދީފިއެވެ.

ބައިސްކޯފުން ގެނެސްދޭ ޓޯކް ޝޯ “ތުންތުންމަތިން” ގައި ފިލްމީ ދާއިރާއަށް އަލަށް ނުކުމެގެން އުޅޭ ދެތަރިން ކަމަށްވާ މަރިޔަމް ޝިފާއާއި ނަތާޝާ ޖަލީލާއެކު ބައިވެރިވަމުން، ނިމްޝާ ވަނީ ޤައުމީ އެއާލައިން ކަމަށްވާ މޯލްޑިވިއަނުން ކެނޑެން ޖެހުނު ސަބަބު އޮޅުންފިލުވައިދީފައެވެ. އެގޮތުން ޝޯގެ ހޯސްޓު ޝަހޫ ކުރި ސުވާލަށް ޖަވާބުދެމުން މަޝްހޫރު ޓިކްޓޮކާ ބުނީ، އަސްލު އެ ވަޒީފާއިން ކެނޑުނީ މޯލްޑިވިއަނުން އޭނާއަށް ހެރެސް(ފުރައްސާރަ) ކުރުމުން ކަމަށެވެ.

ނިމްޝާ ބުނީ މޯލްޑިވިއަންގެ މީހުން އޭނާއަށް އުނދަގޫކުރަން ފެށުމުން ނޫޅެވިގެން ކެނޑުނީ ކަމަށެވެ. އެއާއެކު، ނިމްޝާ އެ ވަޒީފާއިން ކެނޑުނީ ނޫން ކަމަށާއި އޭނާ ކަނޑައިލީ ކަމަށްބުނެ ބައެއް މީހުން އޭޭނާގެ ޓިކްޓޮކްތަކަށް ކޮމެންޓުކޮށްފައިވާ ކަން ޝަހޫ ފާހަގަކުރުމުން ނިމްޝާ ބުނީ ހަމަ އަމިއްލައަށް ކެނޑުނީ ކަމަށެވެ.

“ކޮމްޕެނީ އަކުން ނިމް ކަނޑައެއް ނުލާ. ކޮމްޕެނީ އިން ނިމް އަށް ދިނީ ފައިނަލް ވާރނިންގް އެއް ރަނގަޅުކުރާށޭ ކިޔާފަ”، ނިމްޝާ ކިޔައިދިނެވެ. އެކަމަކު ނިމްޝާ ބުނީ ކޮންމެ އިންސާނަކަށް ވެސް އެމީހަކު ބޭނުންގޮތަކަށް އުޅުމުގެ ހައްގު އޮންނާނެ ކަމަށެވެ. އަދި “މިއުޅެނީ ސްކޫލެއްގައި ނޫން” ކަމަށާއި، ދިރިއުޅުމަށް އަދާކުރާ ވަޒީފާގެ އިތުރުން އަމިއްލަ ކަންކަން ވެސް ކުރަންޖެހޭނެ ކަމަށް އޭނާ ބުންޏެވެ. އަދި އެ ކުންފުނިން އޭނާ ބަލައިނުގަތް ކަމަށާއި، ބަލައިނުގަންނަ ތަނެއްގައި އުޅެން ބޭނުންނުވާތީ ވަޒީފާ ދޫކޮށްލީ ކަމުގައި ބުންޏެވެ.

މީގެ އިތުރުންވެސް “ތުންތުންމަތިން” ޝޯގައި ނިމްޝާ ވަނީ މަޝްހޫރު މީހަކަށް ވީފަހުން އޭނާއަށް ދިމާވި އެހެން ބައެއް ކަންތައްތައް ހިއްސާކޮށްފައެވެ. އޭގެތެރެއިން، އެއްފަހަރު މަގުމަތިން ހިނގާފައި ދަނިކޮށް އޭނާ ހެދުން އަޅައިގެން ހުރިގޮތަށް މީހަކު ފާޑުކިޔުމުން ރައްދުގައި އޭނާ ވެސް ރުޅިއައިސްގެން އެއްޗެހި ކިއީ ވާހަކަ ފާހަގަކޮށްލެވެއެވެ.

ނިމްޝާ އަކީ ރާއްޖޭގައި ޓިކްޓޮކް ކުޅޭ ތަރިންގެ ތެރެއިން އެންމެ މަޝްހޫރު އެކެކެވެ. ނަމަވެސް މަޝްހޫރުކަމާއެކީ އޭނާއަށް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންވެސް އަމާޒުވަމުން ދެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!