ކަންގަނާ އިންސްޓަގްރާމުން ވެސް ބޭރުކޮށްލަނީ؟

އަނިޔާވެރިކަމަށް ހިތްވަރުދޭ ޓްވީޓެއް ކޮށްގެން ޓްވިޓާއިން ދާދިފަހުން ސަސްޕެންޑްކުރި ބޮލީވުޑް އެކްޓްރެސް ކަންގަނާ ރަނައުތު، ވަރަށް އަވަހަށް އިންސްޓަގްރާމުން ވެސް ނެރެލަފާނެ ކަމަށް އޭނާ ބުނެފިއެވެ.

ކަންގަނާ ޓްވިޓާއިން ސަސްޕެންޑުކުރިފަހުން އޭނާގެ ޕޯސްޓުތައް އާންމުކުރަނީ އިންސްޓަގްރާމް މެދުވެރިކޮށެވެ. އެގޮތުން މިއަދު އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރި ލިޔުންކޮޅެއްގައި ބުނީ، ކޮވިޑް-19 އާ ބެހޭގޮތުން އިއްޔެ އާންމުކުރި ޕޯސްޓު އިންސްޓަގްރާމްގެ ގައިޑްލައިނަށް ނުފެތޭ ކަމަށްބުނެ ޑިލީޓުކޮށްފައިވާ ކަމަށެވެ. އެ ޕޯސްޓަކީ އޭނާ ކޮވިޑަށް ޕޮޒިޓިވްވިކަން އިޢުލާނުކުރުމުގެ ގޮތުން އިއްޔެ ކުރި ޕޯސްޓެކެވެ.

އޭގައި އޭނާ “ކޮވިޑް-19 ނެތިކޮށްލާނެ” ވާހަކަ ލިޔެފައިވާތީ، އިންސްޓަގްރާމަށް ހަޖަމު ނުވީ ކަމަށް ކަންގަނާ ބުންޏެވެ. އަދި ޓްވިޓާއާއި އިންސްޓަގްރާމް ފަދަ އެޕްތައް ހިންގާ ފަރާތްތަކަކީ ކޮވިޑަށް ތާއީދުކުރާ ބައެއްކަމަށް ވެސް ކަންގަނާ ވަނީ ތުހުމަތުކޮށްފައެވެ.

“އަހަރެން އިންސްޓަގްރާމްގަ ޕޯސްޓުކުރަން ފެށިތާ އަދި މިވީ ދެދުވަސް. އެކަމަކު ހަފްތާއެއް ވަންދެން ވެސް ހުރެވޭނެ ހެންނެއް ނުވޭ”، އިންސްޓަގްރާމުން އޭނާ ސަސްޕެންޑްކޮށްފާނެ ކަމަށް ލަފާކޮށް ކަންގަނާ ލިޔެފައިވެއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން ހާމަކޮށް އިއްޔެ ކަންގަނާ ހިއްސާކުރި ޕޯސްޓުގައި ވަނީ، އެ ބައްޔަކީ އާދައިގެ ރޯގާއެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި އެއީ މާ ބޮޑު ކަމެއްގެ ގޮތުގައި ހީވެ އެންމެން ބިރުން އުޅެނީ މީޑިއާތަކުން މާބޮޑު ސަމާލުކަމެއް ކޮވިޑަށް ދިނުމުން ކަމަށްވެސް ކަންގަނާ ބުންޏެވެ. އެކަމަކު އެ ޕޯސްޓު އިންސްޓަގްރާމުން ވަނީ ޑިލީޓު ކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!