މާލޭގައި ކުޅޭ އޭއެފްސީ ކަޕްގެ މެޗްތައް އޭއެފްސީއިން ފަސްކޮށްފި

މާލޭގައި ހޯސްޓް ކުރުމަށް ހަމަޖެހިފައިވާ އޭއެފްސީ ކަޕްގެ ގުރޫޕް ޑީގެ މެޗުތަކާއި އޭއެފްސީ ކަޕްގެ ޕްލޭ އޯފްގެ މެޗް ފަސްކުރުމަށް އޭއެފްސީން ނިންމައިފިއެވެ. މިކަން އޭއެފްސީއިން ހާމަކޮށްފައިވަނީ އެއިދާރާއިން ދާދި ދެންމެއަކު ނެރުނު ބަޔާންއެއްގައެވެ.

އޭއެފްސީއިން މިގޮތަށް ބަޔާން ނެރިފައިވަނީ އިންޑިޔާގެ ބެންގަލޫރު އެފްސީއިން އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފުވުމާއި ގުޅިގެން އެފްއޭއެމްއިން މެޗްތައް ފަސްކޮށްދިނުމަށް އެދި އޭއެފްސީއަށް ހުށައެޅުމާއި ގުޅިގެންނެވެ. ބެންގަލޫރު އެފްސީއިން އެޗްޕީއޭގެ ގައިޑްލައިނާއި ޚިލާފުވުމުން، ޔޫތު މިނިސްޓަރ އަޙުމަދު މަޙްލޫފް ވެސް ވަނީ ޕްލޭއޯފްގެ މެޗް ރާއްޖޭގައި ދެން ނުބޭއްވޭނެކަމަށާއި އިންޑިޔާ ޓީމުން ވީހާވެސް އަވަހަކަށް ފުރުމުގެ ކަންތައްތައް ހަމަޖެއްސުމަށް އެފްއޭއެމްގައި އެދިފައެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒް ވިދާޅުވީ އޭއެފްސީގައި އެދިފައިވަނީ ބެންގަލޫރު އެފްސީއަށް ފިޔަވަޅު އެޅުމުގެ އިތުރުން ގުރޫޕް ސްޓޭޖްގެ މެޗްތައް ފަސްކޮށްދިނުމަށެވެ. އެފްއޭއެމުން ވަނީ މީގެ ކުރިން އޭއެފްސީ ކަޕާއި ޕްލޭއޯފްގެ މެޗްތައް ފަސްކޮށްދިނުމަށް އެދިފައެވެ. ނަމަވެސް އެފަހަރު އޭއެފްސީއިންވަނީ މެޗްތައް ފަސްކުރުމުގެ ބަދަލުގައި މެޗުތައް ކުރިއަށް ގެންދިއުމަށް އެދިފައެވެ. އަދި މާލޭގައި ހާލަތު އިތުރަށް ގޯސްނުވާނަމަވެސް މެޗްތައް ހުއްޓާނުލާ ކުރިއަށް ގެންދިއުމަށް އެދިފައެވެ.

އޭއެފްސީއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އިންޑިޔާގެ ބެންގަލޫރު އެފްސީ އިންޑިޔާއަށް ދިއުމުގެ ދަތުރުފަތުރުގެ ކަންތައްތައް އަމިއްލައަށް ހަމަޖެއްސުމަށާއި މާލެއިން ފުރައިގެންދާންވާނީ އެޗްޕީއޭގެ ގައިޑްލައިންގެ ދަށުންކަމަށްވެސް ބުނެފައެވެ. އަދި މިހާރު މާލޭގައި ކުޅުމަށް ހަމަޖެހިފައިވާ ދެކުނު އޭޝިޔާއަށް ހާއްސަ ގުރޫޕްގައި ކުޅޭ އެހެންޓީމްތަކަށްވެސް މިހާރު އޭއެފްސީއިންވަނީ މާލެ ނައިސް ދަތުރުފަތުރުގެ ހުރިހާކަމެއް ކެންސަލް ކުރުމަށް އެދިފައެވެ.

އޭއެފްސީ ކަޕާއި އޭއެފްސީ ކަޕްގެ ޕްލޭ އޯފްގެ މެޗްތައް މާލޭގައި މިވަގުތު ބޭއްވެން ނެތްކަމަށް އެފްއޭއެމްއިންވަނީ ކުލަބްތަކަށްވެސް މިހާރު އަންގާފައެވެ. އެފްއޭއެމްއިން ކުލަބްތަކަށް މިކަން އަންގާފައިވާއިރު، މިމަހުގެ 11ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އޭއެފްސީ ކަޕްގެ ޕްލޭއޯފް މެޗަށް އިންޑިޔާގެ ބެންގަލޫރު އެފްސީވަނީ މާލެއައިސްފައެވެ. މިމެޗްގައި ބެންގަލޫރުއާއި ވާދަކުރާ ރާއްޖޭގެ ކުލަބް އީގަލްސްވެސްވަނީ ހޮޓެލް ޖެންގައި ކޭންޕްކޮށްފައެވެ. އަދި މިމަހުގެ 14ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ގުރޫޕް ސްޓޭޖްގެ މެޗްތަކަށް މާޒިޔާވެސްވަނީ ހުޅުމާލޭގައި ކޭންޕްކޮށްފައެވެ.

މާލޭގައި ރެކޯޑް އަދަދަކަށް ކޯވިޑްގެ ކޭސްތައް ފެންނަމުންދާ މިދަނޑިވަޅުގައި ޕްލޭއޯފް މެޗާއި އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖްގެ މެޗްތަައް ކުރިއަށްގެންދާތީ ބައެއް ފަރާތްތަކުން ވަނީ ޝޯޝަލް މީޑިޔާގައި ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. މިމުބާރާތް ކުރިއަށް ގެންދިއުމަށް އެޗްޕީއޭއިންވަނީ ހާއްސަ ހުއްދައެއްވެސް ދީފައެވެ.

ޕްލޭއޯފްގެ މެޗްތަކާއި ގުރޫޕް ސްޓޭޖްގެ މެޗްތައް ފަސްކުރަން އޭއެފްސީއިން ނިންމާފައިވަނީ ރާއްޖެ އައި އިންޑިޔާގެ ބެންގަލޫރު އެފްސީ އެޗްޕީއޭގެ ގައިޑްލައިންއާއި ހިލާފުވުމުންނެވެ. އެއީ ހޮޓަލުން ބޭރަށް ނުދެވޭނެކަމަށް ބުނެފައިވަނިކޮށް ބެންގަލޫރު އެފްސީގެ ބައެއް ކުޅުންތެރިންވަނީ ހޮޓަލުން ބޭރަށް ގޮސްފައެވެ. އަދި ޝޯޝަލް މީޑިޔާގައި ވަނީ މިކުޅުންތެރިން ބޭރުގައި އުޅެނިކޮށް ހުރި ފޮޓޯތަކެއްވެސް އާންމުވެފައެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!