ރައީސް ނަޝީދަށް ޙަމަލާދިން މީހާގެ ވަނަވަރު ޢާއްމުކޮށްފި

ބުރާސްފަތި ދުވަހުގެރޭ އިރާކޮޅު ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ބޮންގޮއްވާލުމުގައި ޢަމަލީގޮތުން ބައިވެރިވި މީހާގެ ވަނަވަރު ފުލުހުން ހާމަކުރައްވައިފިއެވެ.

ރައީސް ނަޝީދުގެ ގެކޮޅު ހުންނަ ނީލޯފަރު މަގު ސަރަހައްދަށްގޮސް ރިމޯޓަކުން ބޮން ގޮއްވާލިކަމަށް ތުހުމަތުކުރެވޭ މީހަކީ ވ.ތިނަދޫ ހިޔާ ޢުމުރުން 25އަހަރުގެ އަދުހަމް އަޙްމަދު ރަޝީދު ނަމަކަށްކިޔާ މީހެކެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންވަނީ އަދުހަމް، ބޮން ގޮއްވާލަން ރިމޯޓަށް ފިއްތުމަށްފަހު ދުވެ ފިލާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖާއި އޭނާ މާލޭގެ އެކިސަރަޙައްދުތަކުގައި ޙަރަކާތްތެރިވިގޮތް ދައްކުވައި ޗާޓަކާއި ސީސީޓީވީ މަންޒަރުތައް ހާމަކޮށްފައެވެ.

ފުލުހުން ވިދާޅުވިގޮތުގައި މިހާތަނަށް ފުލުހުން ހައްޔަރުކުރި 3 މީހުންނާ ދީނީގޮތުން ހައްދުފަހަނައެޅުމާ ހަރުކަށި ފިކުރާ ގުޅުންއޮތްކަން ފެންނަން އެބައޮތެވެ. އެހެންނަމަވެސް ބޭރުގެ އެއްވެސް ޓެރަރިސްޓު ޖަމާއަތަކާ އެމީހުންނާ ގުޅުންއޮތްކަމެއް އަދި މިހާތަނަށް ހޯދިފައި ނެތްކަމަށް ފުލުހުން ވިދާޅުވިއެވެ.

ހައްޔަރުކުރި މީހުންގެ ކުށުގެ ރެކޯޑު އޮންނަކަން ފުލުހުން ހާމަކުރައްވާފައިވެއެވެ. އެހެންނަމަވެސް އެއީ މަސްތުވާތަކެއްޗާއި ވައްކަން ފަދަ ޢާއްމު ބައެއް ކުށްކުށުގެ ރެކޯޑްކަމަށް ފުލުހުން ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!