ސަލާމަތީ ޚިދުމަތްތަކުގެ އިންޓެލިޖެންސް މިހާރަށްވުރެ ރަނގަޅުވާން ޖެހޭ: ރައީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ސިފައިންނާއި ފުލުހުންގެ އިންޓަލިޖެންސް އޮޑިޓެއް ހަދަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސް ނަޝީދުގެ އަރިހަށް ޒިޔާރަތްކުރެއްވުމަށްފަހު އޭ.ޑީ.ކޭ ހޮސްޕިޓަލު ކައިރީގައި ބައެއް މީޑިއާތަކަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ރައީސް ނަޝީދަށް ދިން ޙަމަލާއާއި ގުޅިގެން އެމަނިކުފާނުގެ ސަލާމަތީ ކަންކަމާގުޅޭ ދިރާސާއެއް ހެދުމަށް މިހާރުވެސް ކަމާބެހޭ ފަރާތްތަކާ ޙަވާލުކޮށްފައިވާކަމަށެވެ. އަދި ރައީސް ނަޝީދުގެ ސެކިއުރިޓީ ބަލަހައްޓަކަމުން ދިޔަގޮތާއި، އެކަމުގެ ތަފްޞީލީ ރިޕޯޓެއް މިއަދުގެ ވަގުތެއްގައި އެމް.އެން.ޑީ.އެފުން އެމަނިކުފާނާއި ހިއްސާކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މި ޙަމަލާއާއި ގުޅިގެން ފުލުހުންނާއި، ސިފައިންގެ އިންޓެލިޖެންސާބެހޭ ޚާއްސަ އޮޑިޓެއް ހެދުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި ރިޕޯޓުގެ އަލީގައި އިތުރަށް ރަނގަޅުކުރަންޖެހޭ ކަންކަން ބަލާ، ބަދަލުތައް ގެންނަވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، މިފަދަކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކާ އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް މި ސަރުކާރުން އަޅާނެކަމަށެވެ. ރައީސް ނަޝީދަކީ އެމް.ޑީ.ޕީގެ އިތުރުން ރާއްޖޭގެ ވަރަށް ގިނަ ބައެއްގެ ލޯތްބާއި އިޙްތިރާމް ހޯއްދަވާފައިވާ ބޭފުޅެއްކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ސަޕޯޓަރުންނަށް ހިތްވަރުދެއްވާފައެވެ. އެގޮތުން ރައީސް ނަޝީދަކީ ވަރަށް ހިތްވަރުގަދަ ބޭފުޅެއްކަމަށާއި، މިފަދަ ނުރައްކާތެރި ޙަމަލާތަކުން ޤައުމު ސަލާމަތްކުރުމަށް ކުރެވެންހުރި ހުރިހާކަމެއް ކުރައްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!