ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި

އިސްރާއީލުން ވެރިވެގެންފައިވާ އިރުމަތީ ގުދުސް ސަރަހައްދުގައި ދިރިއުޅެމުން އަންނަ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް، އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ދެމުންދާ ހަމަލާތައް، ފާއިތުވީ ހަފުތާތަކުގެ ތެރޭގައި ވަރުގަދަ ކޮށްފައި ވާ އިރު، ދިވެހި ސަރުކާރުން އެކަން ކުށްވެރި ކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލުން އިރުމަތީ ގުދުސްގެ ޝެއިހް ޖައްރާ ޑިސްޓްރިކްޓުގައި އުޅޭ ފަލަސްތީނު މީހުން ގެތަކުން ބޭރު ކުރަން އުޅޭ އުޅުމާއި އަދި އަގްސާ މިސްކިތުގައި ނަމާދަށް ތިބި މީހުންނަށް ހަމަލާ ދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ހިލާފު ކަމެއް ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށެވެ.

އަދި މިފަދަ ކަންކަމަކީ ސަރަހައްދުގެ ހަމަޖެހުން ގާއިމުކުރުމަށް ކުރަމުން އަންނަ މަސައްކަތަށް ހިޔަނި އެޅޭ ކަމެއް ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

މީގެއިތުރުން މެދުއިރުމަތީގެ ހަމަޖެހުމަށް އޮތް ހަމައެކަނި ހައްލަކީ ފަލަސްތީނަށް މިނިވަން ދައުލަތެއް އުފެއްދުމުގެ ޖާގަދިނުމާއެކު އެގައުމުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ގުދުސް ކަނޑައެޅުން ކަމަށްވެސް ރާއްޖޭގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި ރާއްޖެއިން އަބަދުވެސް އޮންނާނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!