ގިވްއަވޭ ޕޯސްޓުތަކުގައި ޓެގް ކުރާތީ މީރާ ރުޅިއަތުވެއްޖެ!

އިންސްޓަގްރާމްގައި ހުންނަ ގިވްއަވޭ ޕޯސްޓުތަކުގައި ނުވެސް ދަންނަ މީހުން އޭނާ ޓެގްކުރާތީ، ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދު ހިތްހަމަނުޖެހިއްޖެއެވެ.

މީރާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރި ސްކްރީންޝޮޓަކާއެކު ބުނީ، އެކަމަށް އެއްޗެއް ނުބުނަން ހުންނަތާ ދުވަސްކޮޅެއްވެއްޖެ ކަމަށާއި، އެކަމަކު އަދިވެސް އެކަމަށް ހުއްޓުމެއް ނާންނަ ކަމަށެވެ. އެގޮތުން ކޮންމެދުވަހަކު 20-50 މީހުން މީރާއާއި، މީރާ ދަންނަ އެހެން މަޝްހޫރު ފަންނާނުން އެފަދަ ޕޯސްޓުތަކުގައި ޓެގްކުރަމުންދާ ކަމަށް ބުންޏެވެ.

މީރާ ބުނީ އެކަން އެގޮތަށް ކުރަމުންދިޔުމަކީ ވަރަށް ވިޔާނުދާ ކަމެއް ކަމަށެވެ. އަދި ޙާއްސަކޮށް އެފަދަ ޕޯސްޓުތަކުގައި ރައްޓެހިން ޓެގްކުރަން ބުނެފައި އޮންނައިރު، ހަގީގީ ދިރިއުޅުމުގައި ނުވެސް ދަންނަ މީހުން އޭނާ ޓެގްކުރުމަކީ ރަނގަޅު ގޮތެއް ވެސް ނޫން ކަމަށް ބުންޏެވެ.

“އާން، އަހަރެމެންނަށް ތި ހުރިހާ ނޯޓީފިކޭޝަނެއް ލިބޭ. އިރުއިރުކޮޅާ ލިބޭތީ ވަރަށް ބޮލަށް އުނދަގޫވޭ”، މީރާ ބުންޏެވެ.

މީރާ ވަނީ އެކަން އިތުރަށް ކުރިއަށްދާނަމަ، އެގޮތަށް ޓެގް ކުރާ އެންމެން ބްލޮކް ކުރާނެ ކަމުގެ އިންޒާރު ދީފައެވެ.

މީރާ މުހައްމަދަކީ ރާއްޖޭގައި މިވަގުތު ތިބި ހުނަރުވެރި އަންހެން ލަވަކިޔުންތެރިންގެ ތެރޭގައި ގުނާލެވޭ ފަންނާނެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!