ފަތުރުވެރިން ފިޔަވައި ދެކުނު އޭޝިޔާ ސަރަހައްދުން މީހުން އައުން މަނާކޮށްފި

ދެކުނު އޭޝިއާ ސަރަހައްދުން އަންނަ ފަތުރުވެރިން ފިޔަވައި އެހެން މީހުން ރާއްޖެ އައުން މަނާކޮށްފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުއްވާފައިވާ އެންގުމެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަމަށްޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އަޅަމުންދާކަމަށެވެ.

އެގޮތުން މިމަހުގެ 9 ވަނަ ދުވަހުން ފެށިގެން ވަކި ގޮތެއް އަންގަންދެން ދެކުނު އޭޝިއާގެ ޤައުމުތަކާއި ސަރަޙައްދުތަކުން ވާރކްޕާރމިޓް ހޯލްޑަރުން ދިވެހިރާއްޖެއަށް އެތެރެވުން ހުއްޓައިލުމަށް އެޗްޕީއޭއިން ވަނީ އަންގައިފައެވެ. ދެކުނު އޭޝިއާގެ ޤައުމުތަކާއި ސަރަޙައްދުތަކުން ރާއްޖެއަށް އަންނަ ވާރކްޕާރމިޓް ހޯލްޑަރުން ރާއްޖެ އެތެރެވުން މަނާކުރިނަމަވެސް ފަތުރުވެރިންނަށް އާދެވޭނެއެވެ.

ނަމަވެސް ފަތުރުވެރިން މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލުމަށް އެޗްޕީއޭއިން ވަނީ އަންގައިފައެވެ.

މި ފިޔަވަޅުތައް ތަންފީޒުކޮށް ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އެޗްޕީއޭއިން ވަނީ އަންގައިފައެވެ.

ދެކުނު އޭޝިއާއިން ރާއްޖެއަށް ޓޫރިސްޓުން ނޫން މީހުން އައުން މަނާކޮށްފައިވަނީ މި ސަރަހައްދުގައި ކޮވިޑް-19ގެ އާ ސްޓްރެއިންތަކެއް އުޅޭތީ ކަމަށްބެލެވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!