ހަމަލާގެ ތަހުޤީޤަށް އޮސްޓްރޭލިއާ ފުލުހުން ރާއްޖެ އަތުވެއްޖެ

ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން މެއި 6 ވަނަ ދުވަހުގެރޭ ދިން ޓެރަރިސްޓު ހަމަލާގެ ތަހުގީގަށް އޮސްޓްރޭލިއާގެ ފެޑްރަލް ޕޮލިސްގެ ޓީމެއް މިއަދު ރާއްޖެ އައިސް އަމަލީ މަސައްކަތް ފައްޓަވާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، އޮސްޓްރޭލިއާގެ ފުލުހުންގެ ޓީމު ރާއްޖެ އައިސްފައިވާ ކަމަށާއި، މިއަދު 11:00 އިން ފެށިގެން އެބޭފުޅުންނާއެކީ ތަހުޤީޤަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

“މިއަދު ހެނދުނު 11:00 އިން ފެށިގެން މިހާރު އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ ސީނިއަރ އޮފިސަރުންގެ ޓީމެއް އަޅުގަނޑުމެންގެ ތަހުޤީޤު ޓިމާއި ގުޅި، އަމަލީ ގޮތުން މިތަހުޤީޤުގައި މަސައްކަތް ކުރައްވަން ފައްޓަވާފައި ވަނީ” މުހައްމަދު ހަމީދު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ތަހުޤީޤަށް ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމަށް ލަންޑަންގެ މެޓްރޮޕޮލިޓަން ޕޮލިސްގެ ކައުންޓަރ ޓެރެރިޒަމް ކޮމާންޑުގެ އިސް އޮފިސަރަކު މާދަމާގެ ވަގުތެއްގައި ރާއްޖެ ފޮނުވުމަށް  އިނގިރޭސި ސަރުކާރުން މިއަދު މެންދުރުގެ ވަގުތެއްގައި ހަމަ ޖައްސާދީފައިވާ ކަމަށް މުހައްމަދު ހަމީދު ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ހަމަލާދިން ވީޑިއޯއެއް ފުލުހުން މިހާރު އާންމު ކޮށްފައިވާއިރު، މި ހާދިސާއާއި ގުޅިގެން މިހާތަނަށް ހަތަރު މީހަކު ވަނީ ފާހަގަ ކުރެވިފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭގެތެރެއިން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، އެދެމީހުންގެ ވަނަވަރު ވަނީ އާންމުކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!