އެއް ރޭޒާ ބުލެޓް އިނީ ވާތް ފަރާތުން ފުއްޕާމޭއަށް ވަދެފައި: އޭޑީކޭ

ރައީސް މުހައްމަދު ނަޝީދު ހޮސްޕިޓަލަށް ގެނައި އިރު އެއް ރޭޒާ ބުލެޓް އިނީ ވާތް ފަރާތުން ފުއްޕާމޭއަށް ވަދެފައި ކަމަށް އޭޑީކޭން ހާމަކޮށްފިއެވެ.

އޭޑީކޭއިން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނިޔާފް ވިދާޅުވީ ހޮސްޕިޓަލަށް ގެނައިތާ 10 މިނެޓް ތެރޭގައި ރައިސް ނަޝިދު އޮޕަރޭޝަން ތިއޭޓާރއަށް ބަދަލުކުރެވުނު ކަމަށެވެ. އަދި ރައީސް ނަޝީދު ގެނައުމުން ފުރަތަމަ މަސައްކަތް ކުރީ ލޭ މަނާ ކުރުމަށް ކަމަށާއި، ހަށިގަނޑުގެ އެތެރޭގައި ހުރި އެއްޗެހި ފާގަވީ ސީޓީސްކޭނަށްފަހު ކަމަށެވެ.

ބައްދަލުވުމުގައި ޑރ. ޝާފިއު ވިދާޅުވީ ރޭޒާ ފުކަކުން ޖެހި މޭކަށީގަނޑުގެ ހަތަރުވަނަ ރިބް ފުނޑިފައިވާ ކަމަށާއި އަދި އެ ރޭޒާފުށް ކިރިޔާވެސް ތިރިވިނަމަވެސް ހެރޭނީ ހިތަށް ކަމަށެވެ.

 އޭޑީކޭން ވިދާޅުވީ އެއީ ފުރާނައަށް ނުރައްކާ ވެދާނެ ހާލަތެއް ކަމަށާއި،ރައިސް ނަޝީދަށް ހަމަލާދޭން ބޭނުންކުރި އައިއީޑީގައި ހުރި ރޭޒާފުއްތަކާއި ދަގަނޑު އެތިކޮޅުތަކުން އެތައްބައެއް ރައީސް ނަޝީދުގެ މެއަށާއި ބަނޑުގެ އިތުރުން ހަށިގަނޑުގެ އެތަންމިތަނަށް ހެރިފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން މޭކަށިގަނޑުގެ ބައެއް ރިބުތައް ފުނޑުފުނޑުވެ، އެތެރެހަށީގެ ބައެއް ގުނަވަންތަކާއި ހަށިގަނޑަށްވެސް ބޮޑެތި ބޮޑެތި ޒަހަމްތައް ލިބިފައިވާ ކަމަށެވެ.

ޑޮކްޓަރުން ވިދާޅުވިގޮތުގައި ރައީސް ނަޝީދުގެ ގޮހޮރުވަނީ ފޫގޮސްފައެވެ. މިއީ ވަރަށް ނުރައްކާތެރިކަމެއްކަމަށާ، މިފަދަ ޙާލަތްތަކުގައި ޢާއްމުކޮށް ބަނޑު ތެރެއަށް ނަޖިސް ލީކުވެ އިންފެކްޓްވާގޮތް މެދުވެއެވެ. އެހެންނަމަވެސް ރޯދަ މަސް ކަމުން ރައީސް ނަޝީދުގެ ގޮހޮރު ވަރަށް ބޮޑަށް ހުސްކޮށް އޮތުމުން މާބޮޑަށް ބަނޑު ތެރެއަށް ނަޖިސް އެޅިފައިނުވާކަމަށް ޑޮކްޓަރުން ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!