މާދަމާއިން ފެށިގެން ކޮވިޑް ވެކްސިން ޖަހައިދޭނީ ދުވާލު ގަޑީގަ

މާދަމާއިން ފެށިގެން ދުވާލު ގަޑީގައި ކޮވިޑް ވެކްސިން ދޭން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.

އެ އެޖެންސީން މިރޭ ބުނީ މާލޭގެ ތިން ސެންޓަރަކުން ހެނދުނު 9:00-11:00 އަށް ސިނޮފާމް ވެކްސިންގެ ފުރަތަމަ އަދި ދެ ވަނަ ޑޯޒް ޖަހައިދޭނެ ކަމަށެވެ. ދެ ވަނަ ޑޯޒް ދޭނީ މާޗު 22 – އޭޕްރީލް 10 ވަނަ ދުވަހާ ދޭތެރޭގައި ވެކްސިން ޖަހާފައިވާ މީހުންނަށެވެ.

ވެކްސިން ޖަހައިދޭނީ ނޭޝަނަލް އާޓް ގެލެރީ އާއި ވިލިމާލެ ޔޫތު ސެންޓަރު އަދި ޓްރީ ޓޮޕް ހޮސްޕިޓަލުގައެވެ.

އިމަޖެންސީ ހާލަތުގައި ބޭނުންކުރަން ޗައިނާގެ ސިނޮފާމް ވެކްސިން އަށް  ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހުއްދަދީފައި ވަނީ މިއަދެވެ.

ރޯދަ މަސް ފެށުނީއްސުރެ ވެކްސިން ޖަހައިދެމުން އައީ ރޭގަނޑު އެކަންޏެވެ. އެހެންވެ މީހުން ގިނަވުމުން އެއްބަޔަކު ރޯދަ ވިއްލީ ވެސް ވެކްސިން ޖެހުމަށް ހަދާފައިވާ ކިއުގައި ތިބެގެންނެވެ. އެއަށްފަހު އެޗްޕީއޭއިން ވަނީ ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒް ޖެހުން ވަގުތު ގޮތުން ހުއްޓާލައިފައެވެ.

މިހާތަނަށް 300،189 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިއިރު 123،581 މީހުން ދެ ޑޯޒް ފުރިހަމަކޮށްފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!