ރައީސް ނަޝީދަށް ހަމަލާ ދޭން އުފެއްދި އައިއީޑީ، ސަލްޓަން ޕާކްގައި ގޮއްވާލި އެއްޗަށްވުރެ ބާރުގަދަ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ހަމަލާ ދީފައި ވަނީ މިލިޓަރީއެއްގައި ބޭނުން ކުރާ ބޮމެއް ނޫން ކަމަށާއި އެއީ ގެއަކުން ތައްޔާރު ކޮށްފައިވާ ނުވަތަ ހޯމް މޭޑް ބޮމެއް ކަމަށް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ. ޝަމާލް ވިދާޅުވީ، ރޭ ގޮއްވައިލި އައިއީޑީ އަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކްގައި ގޮއްވައިލި އައިއީޑީއަށް ވުރެ ބާރުގަދަ އައިއީޑީއެއް ކަމަށެވެ.

އެމްއެންޑީއެފުން މިރޭ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ، ގޮއްވާލީ އައިއީޑީ އަކީ “ކޮމަންޑް ޑިޓޮނޭޝަން” އެއް ކަމަށެވެ. ޝަމާލް ވިދާޅުވި ގޮތުގައި އެއީ ރިމޯޓް ކޮންޓްރޯލް ޑިވައިސްއެއް ކަމަށާއި، ބޮޑަށް ބެލޭވޭ ގޮތުގައި އެ ގޮއްވާލަފައިވަނީ ފޯނަކަށް ވުރެ ބޮޑަށް ރިމޯޓް ޑިވައިސްއެއް ބޭނުން ކޮށްގެންނެވެ.

ޝަމާލް ވިދާޅުވީ މި އައިޑީއަކީ މީގެ ކުރިން ރާއްޖޭގައި ގޮއްވާލާފައިވާ ޒާތުގެ އައިއީޑީތަކަށް ވުރެ ބާރުގަދަ އަދި އެތައް ދަރަޖައެއް މަތި އައިއީޑީއެއް ކަމަށެވެ. އަދި މި އައިޑީގައި ގިނަ އަދަދެއްގެ ރޭޒާ ފުށް ލާފައި ހުރި ކަން އޭނާ ފާހަގަކުރެއްވިއެވެ.

ޝަމާލް ވިދާޅުވީ، ހާދިސާ ހިނގައިދިޔަ ގޮތް ތަހުގީގުކޮށް އޭގެ މައްޗަށް އިންސިޑެންޓް އެސަސްމަންޓް ރިޕޯޓެއް ތައްޔާރު ކުރި ކަމަށެވެ. އެ ރިޕޯޓް ފުލުހުންނާ ވެސް ހިއްސާކޮށްފައިވާނެ ކަމަށް ޝަމާލް ވިދާޅުވިއެވެ.

އެ ރިޕޯޓާ ހަވާލާ ދެއްވައި ޝަމާލް ވިދާޅުވި ގޮތުގައި، ރައީސް ނަޝީދު ގެއިން ނިކުމެވަޑައިގެންނެވީ 20:25 ގައެވެ. އެއީ އެހެން ރަށެއްގައި އޮތް ހަފްލާއެއްގައި ބައިވެރިވެވަޑައިގަތުމަށެވެ. އޭރު އަރިިހުގައި އެމަނިކުފާނުގެ ހަށިފާރަވެރިން ހަރަކާތްތެރިވި ކަމަށާއި، ކުރީގައި ސީޕީ އެޖެންޓުން ވެސް ތިއްބެވި ކަމަށެވެ.

ޝަމާލް ވިދާޅުވީ އޭރު އެ މަގުގެ އެއް ފަރާތެއްގައި ޕާކް ކޮށްފައި ހުރި ސައިކަލެއްގައި އައިއީޑީ ބޮމެއް ހަރުކޮށްފައިވާ ކަމަށެވެ. އެއީ “ހޯމް މޭޑް” ނުވަތަ އަމިއްލައަށް ބަޔަކު އުފައްދާފައިވާ ބޮމެއް ކަން ފާހަގަކުރެއްވިއެވެ.

“ކަންމައްޗަށް ވާގޮތައް ޕާކްކޮށްފައި އޮތް ސައިކަލްގައި ހަރުކޮށްފައި ހުރި އައިއީޑީ ގޮއްވާލާފައިވޭ. ހަމަލާ ދިނުމާ އެކު ރައީސް ނަޝީދު ބިން މައްޗަށް ވެއްޓިވަޑައިގެންނެވި. އެވަގުތު ފަހަތުގައި ހުރި ބޮޑީގާޑަށް އަނިޔާވި. އަދި ދޮރުކޮޅު ހުޅުވަން ހުރި އެޖެންޓް ވެސް ޒަހަމްވި. ޑިވައިސްގެ އަޑުވެސް ވަރަށް ގަދައަށް އިވުނު. މިއީ ހޯމް މޭޑް ޑިވައިސްއެއް ކަމަށް ލަފާކުރެވެނީ.” ޝަމާލް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!