ކޮވިޑް-19: އިނގިރޭސިވިލާތުގެ ރެޑްލިސްޓުގައި ރާއްޖެ ހިމަނައިފި

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު އެންމެ ގޯސްވެފައިވާ ގައުމުތަކާއި އިނގިރޭސިވިލާތާ ދެމެދު ދަތުފަތުރުކުރުން ހުއްޓައިލުމަށް އެކުަލަވާލާފައިވާ ރެޑް ލިސްޓުގައި ރާއްޖެ ހިމަނައިފިއެވެ.

އެ ލިސްޓަށް އެންމެ ފަހުން އިތުރުކުރީ ރާއްޖެ އާއި ތުުރުކީ އަދި ނޭޕާލެވެ.

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އެ ގައުމުގެ ޕާލަމެންޓުގައި ވިދާޅުވީ، އެ ލިސްޓުގައިވާ 22 ގައުމުން އިނގިރޭސިވިލާތަށް ދަތުރުކުރުން މަނާކުރުމުގެ އިތުރުން، އެ ގައުމުތަކުން އެނބުރި ދާ މީހުން ކަރަންޓީނުކުރަން ނިންމާފައިވާ ކަމަށެވެ. ރެޑް ލިސްޓްގައި ގައުމުތައް ހިމެނީ ކޮވިޑްގެ ވޭރިއަންޓްތައް އުޅޭ ގައުުމުތައް ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމުގައި ކާމިޔާބީ ހޯދަމުން އަންނަ ގައުމުތައް އިނގިރޭސިވިލާތުން ލިސްޓްކޮށްފައި އޮންނަނީ ގްރީން ލިސްޓްގެ ގޮތުގައެވެ. އެއީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ދަތުރުކުރެވޭނެ ގައުމުތަކެވެ. ރާއްޖެއަކީ ވެސް ކުރިން އެ ލިސްޓްގައި އޮތް ގައުމެކެވެ.

ރާއްޖޭގައި ކޮވިޑްގެ ބަލިމަޑުކަން އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. އެގޮތުން ދުވާލަކު ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ 700 އިން މައްޗަށް އަރައިފައެވެ. މިދިޔަ 48 ގަޑިއިރުގެ ތެރޭގައި ރާއްޖޭން އެ ބަލީގައި 8 މީހަކު ވަނީ މަރުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!