ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގަށް އެހީވާން އެމެރިކާ ތައްޔާރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގައި ބައިވެރިވި މީހުން ހޯދަން އެހީތެރިވާން ތައްޔާރަށް އޮތް ކަމަށް އެމެރިކާ އިން މިއަދު ބުނެފިއެވެ.

ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގެ ކައިރީގައި ޕާކު ކޮށްފައި ހުރި ސައިކަލެއްގައި ރޭ އެއްޗެއް ގޮއްވާލުމުން އެމަނިކުފާނާއި އިތުރު ބަޔަކަށް އަނިޔާވެ، ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. ސައިކަލު ގޮއްވާލީ ނަޝީދު އެ ސަރަހައްދުން ހިންގަވާފައި ވަޑައިގެން، ކާރަށް އަރުއްވަނިކޮށެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުންގެ ދެކުނު އޭޝިއާއާ ބެހޭ ޑިވިޝަނުން ކުރި ޓްވީޓެއްގައި ވަނީ ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެކަމުގައި ދިވެހި ސަރުކާރާއެކު އެމެރިކާ ދެމި އޮތް ކަމަށެވެ. އަދި އެކަމުގައި ބައިވެރިވި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމުގައި އެހީތެރިވާން އެމެރިކާއިން ތައްޔާރަށް އޮތް ކަމަށް އެ ޓްވީޓްގައިިވެއެވެ.

ރޭގެ ހަމަލާއާ ގުޅިގެން އޮސްޓްރޭލިއާ ފުލުހުންގެ ޓީމެއް ރާއްޖެ އައުމަށް ހަމަޖެހިފައިވާއިރު، ސިފައިންނާއި ފުލުހުން ގުޅިގެން އެ މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ. އެ ހަމަލާއާ ގުޅިގެން ޝައްކުވާ 4 މީހަކު ފާހަގަކުރެވިއްޖެ ކަމަށް ފުލުހުން މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި ވިދާޅުވި ނަމަވެސް، ހަމަލާއާ ގުޅިގެން މިހާތަނަށް އެއްވެސް މީހެއް ހައްޔަރުކޮށްފައެއް ނުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!