ނަޝީދުގެ ގެކޮޅު ހުންނަ މަގުގައި ސައިކަލު ޕާކު ނުކުރެވޭ ގޮތަށް ހެދުމަށް މީގެކުރިން އެދިފައިވޭ

ރޭގައި ޓެރަރިސްޓު ހަމަލާއެއް އަމާޒުވި ކުރީގެ ރައީސުލްޖުހޫރިއްޔާ އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ ގ.ކެނެރީގެ ހުންނަ މަގުގައި ސައިކަލު ޕާކުކޮށްފައި ހުންނާތީ، އެމަނިކުފާނަށް ސެކިއުރިޓީ ފޯރުކޮށްދޭން ދަތިވެގެން އެމްއެންޑިއެފުން އެކަން މާލޭ ސިޓީ ކައުންސިލަށް އަންގާފައވާތީ، އެ ކައުންސިލުން ހޯމް މިނިސްޓްރީގެ ސަމާލުކަމަށް މީގެކުރިން ގެނެސްފައިވާކަން ހާމަވެއްޖެއެވެ.

23 މާޗު 2021 ގައި މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ފަރާތުން ހޯމް މިނިސްޓަރީއަށް ފޮނުއްވި ސިޓީގައި ވާގޮތުން، ރައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅު ހުންނަ ނީލޯފަރު މަގަކީ ހަނި ގޯޅިއަކަށްވެފައި އަދި އެ ގޯޅީގެ އެއްފަރާތުގައި ސައިކަލު ޕާކްކޮށްފައި ހުރުމުގެ ސަބަބުން އެމަނިކުފާނަށް ސެކިއުރިޓީ ފޯރުކޮށްދިނުމުގައި ދަތިތަކާ ކުރިމަތިވާކަން އެމްއެންޑީއެފުން ވަނީ އަންަގައިފައެވެ. އެހެންކަމުން އެ މަގަކީ ސައިކަލު ޕާކު ނުކުރެވޭ މަގަކަށް ހަދައިދިނުމަށް އެމްއެންޑިީއެފުން އެދިލައްވާފައިކަމަށް ވެސް ލިޔެފައިވެއެވެ.

އެކަމާ ގުޅިގެން ސިޓީ ކައުންސިލުން ވަނީ، ނީލޯފަރު މަގުގައި ޕާކުކޮށްފައި ހުރި ވެހިކަލްތަކަށް އެހެން ޕާކިންގ ޒޯނެއް ވީހާވެސް އަވަހަކަށް ހަދައިދިނުމުގެ ހުއްދައަށް ހޯމް މިނިސްޓްރީގައި އެދިފައެވެ.

“އެގޮތުން އެ ސަރަހައްދުގައި ޕާކުކޮށްފައިވާ ވެހިކަލްތައް ޕާކުރުކުރުމަށް މިވަގުތު ޖާގައެއް ހެދުމަށް އެންމެ އެކަށޭނެ ޖާގައެއްގެ ގޮތުގައި ބެލެވެނީ ބިއްލޫރި ޖެހިގެއިންކަމުގައި ވާތީ އެ ސަރަހައްދުގައި ޕާކިން ޒޯނެއް ހެދުމުގެ ހުއްދަ ދެއްވުން އެދެމެވެ”، ސިޓީގައި ލިޔެފައިވެއެވެ.

ނަޝީދަށް ރޭ ހަމަލާ ދީފައި ވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގެ ކައިރީ ޕާކު ކޮށްފައި ހުރި ސައިކަލެއްގައި ގޮވާ އެއްޗެއް ހަރު ކޮށްގެނެވެ. އަދި އެމަނިކުފާނު ކާރަށް އަރުއްވަން ވަޑައިގެންނެވި ވަގުތަށް އޭތި ގޮއްވާލުމުން، ނަޝީދުގެ އިތުރުން ހަތަރު މީހަކަށް ވަނީ އަނިޔާވެފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!