ޓިއުޝަން ކްލާސްތަކާއި ޑޭކެއާ ސެންޓަރުތައް ބަންދުކުރަން ނިންމައިފި

ރާއްޖޭގެ ކޮވިޑް-19 ގެ ހާލަތު ގޯސްވެފައިވާތީ، މާލޭ ސަރަހައްދުގައި ހިންގާ ޑޭކެއާ ސެންޓަރުތަކާއި، ޓިއުޝަން އަދި ޤުރްއާން ކްލާސްތައް މިއަދުން ފެށިގެން ވަކި ގޮތެއް އަންގަންދެން ހުއްޓައިލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އަންގައިފިއެވެ.

އެ އިދާރާ އިން ނެރުނު އެންގުމެއްގައި ވަނީ، ޓިއުޝަން ސެންޓަރުތަކާއި ގޭގެ އާއި އެހެނިހެން ގޮތްގޮތުން ހިންގާ ޓިއުޝަން ކުލާސްތަކާއި ގުރްއާން ކުލާސްތަކުގައި ކިޔަވައި ދިނުން ހުއްޓައިލަން އަންގާ ކަމަށެވެ.

ކޮވިޑްގެ ހާލަތު ގޯސްވި ދަނޑިވަޅުތަކުގައި މީގެ ކުރިން ވެސް ވަނީ ޑޭކެއާ ސެންޓަރުތަކާއި ޓިއުޝަން ސެންޓަރުތަކާއި ޤުރްއާން ކްލާސްތައް ހިންގުން ހުއްޓުވައިފައެވެ. އެކަމަކު މަޑުމަޑުން ހާލަތު ރަނގަޅުވުމާ އެކު އަލުން ހުޅުވުމުގެ ހުއްދަ ދިނެވެ.

ރާއްޖޭގައި މިހާރު ކޮވިޑް-19 ގެ ހާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. އެގޮތުން ދުވާލެއްގެ މައްޗަށް އެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 700 އިން މަތިވެފައިވާއިރު، އިއްޔެ އެކަނިވެސް އެ ބަލީގައި 5 މީހަކު ވަނީ މަރުވެފައެވެ. އަދި މިއަދު 3 މީހަކު މިހާތަނަށް ވަނީ ބަލީގައި މަރުވެފައެވެ. އެއާއެކު، ރައްކާތެރިކަމުގެ ފިޔަވަޅުތައް މާލެ ސަރަހައްދުގައާއި އަތޮޅުތެރޭގައި ދަނީ ވަރުގަދަ ކުރަމުންނެވެ. އޭގެތެރޭގައި މާލެ ސަރަހައްދުގައި ރޭގަނޑު 9ން ފަތިހު 4ށް އޮންނަނީ ކާފިއު ހިންގައިފައެވެ. މީގެ އިތުރުން، ކޮވިޑްގެ ހާލަތު ގޯސްވެފައިވާ އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ވެސް ވަނީ ކާފިއު ހިންގައިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!