ކޮވިޑް-19: އައްޑު އާއި ފުވައްމުލަކުގައި ކާފިއު ހިންގަނީ

ކޮވިޑް-19 އަށް ބަޔަކު ޕޮޒިޓިވްވެފައި ވާތީ، އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގައި  ރޭގަނޑު 9 އިން ފަތިހު 4 އަށް ކާފިއު ހިންގަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ނިންމައިފިއެވެ.

ކާފިއުގެ އިތުރުން ކޮވިޑް ކޮންޓްރޯލްކުރުމަށް މިއަދުން ފެށިގެން އައްޑު އާއި ފުވައްމުލަކުގައި ގިނަ ފިޔަވަޅުތަކެއް އަޅަން އެޗްޕީއޭ އިން ވަނީ ނިންމައިފައެވެ. އޭގެތެރޭގައި ހިމެނެނީ:

 ޕާޓީތަކާއި ހަފުލާތައް ބޭއްވުން މަނާ.

– އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުމާއި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން.

– އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެ އުޅުން ހުއްޓައިލުން.

– ސެލޫންތަކާއި ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުން.

– ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުން.

– ޓެކްސީގެ ހިދުމަތް ދޭ ފަރާތްތަކުން، އެޗްޕީއޭ އިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ހިދުމަތް ދިނުން.

– ފިރާތަކުން ހިދުމަތް ދޭއިރު، އެޗްޕީއޭ އިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ފިހާރަތަކުގެ ހިދުމަތް ދިނުން.

– ޔުނިވަސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރު ވެގެން ކުލާސްތައް ކުރިއަށް ގެންދިޔުން ހުއްޓައިލުން.

– ހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރަންޓުތަކާއި ކާބޯތަކެތީގެ ހިދުމަތް ދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ހިދުމަތްތައް ހުއްޓައިލުން. (ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތެއް ނުހިމެނޭނެ)

ކޮވިޑް-19 ގެ ކޭސްތަކެއް ފެނިގެން ކާފިއު ހިންގަން ނިންމި އެހެން ރަށްތަކުގެ ތެރޭގައި، ވަނީ ޅ.ނައިފަރު، ކ.މާފުށި، އއ. މަތިވެރި، އއ. އުކުޅަސް އަދި ބ. އޭދަފުށީ ހިމެނެއެވެ. އެ ހުރިހާ ރަށެއްގައި މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގަން ވަނީ ނިންމައިފައެވެ.

Written by

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!