ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ: ޝައްކުކުރެވޭ 4 މީހަކު ފާހަގަކުރެވިއްޖެ

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ރޭ ދިން ހަމަލާއާ ގުޅުން އޮތް ކަމަށް ޝައްކު ކުރެވޭ ހަތަރު މީހަކު ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.

ރޭގެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން ފުލުހުން މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ނަޝީދަށް ހަމަލާ ދިން ސަރަހައްދުން ޝައްކު ކުރެވޭ ފަދަ އަމަލުތަކެއް ހުރި ހަތަރު މީހަކު ފާހަގަވެފައިވާ ކަމަށެވެ. އެ ފަރާތްތައް އައިޑެންޓިފައި ކުރުމާއި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް މިހާރު ހަލުވިކަމާއެކު ކުރިޔަށް ދާ ކަމަށް ހަމީދު ވިދާޅުވިއެވެ.

އެހެންނަމަވެސް ތަހުގީގަށް ހުރަސް އެޅިދާނެތީ އެއީ ކޮން ބައެއް ކަމެއް އަދި އެ މީހުންގެ ފަރާތުން ފެނިފައި ވަނީ ޝައްކު ކުރެވޭ ފަދަ ކޮން އަމަލުތަކެއް ކަމެއް ހާމަކުރައްވައިފައެއް ނުވެއެވެ. އަދި މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ވެސް ނުވެއެވެ.

ނަޝީދަށް ދިން ހަމަލާ ތަހުގީގު ކުރަމުން އަންނަނީ ޓެރަރިޒަމްގެ އަމަލެއް ގޮތުގައި ކަން ސީޕީ ހަމީދު ފާހަގަކުރެއްވިއެވެ. އަދި މިހާރު އެންމެ ބޮޑު އިސްކަމެއް ދީގެން ބަލަމުން އަންނަނީ އެ މައްސަލަ ކަމުގައި ވިދާޅުވިއެވެ.

ނަޝީދަށް ހަމަލާ ދީފައި ވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގ. ކެނެރީގެ ކައިރީ ޕާކު ކޮށްފައި ހުރި ސައިކަލެއްގައި ގޮވާ އެއްޗެއް ހަރު ކޮށްގެނެވެ. އަދި އެމަނިކުފާނު ކާރަށް އަރުއްވަން ވަޑައިގެންނެވި ވަގުތަށް އޭތި ގޮއްވާލުމުން، ނަޝީދުގެ އިތުރުން ހަތަރު މީހަކަށް ވަނީ އަނިޔާވެފައެވެ. ހަމީދު ވިދާޅުވީ އެ ސައިކަލާ ބެހޭ މައުލޫމާތު ވެސް މިހާރު ފުލުހުން ހޯދާފައިވާ ކަމަށެވެ.

މި ހަމަލާގައިނަޝީދަށް ލިބިވަޑައިގެންނެވި ޒަޚަމްތަކާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލްގައި އެމަނިކުފާނުގެ ސާޖަރީތަކެއް ވަނީ ކޮށްފައެވެ. އަދި މިހާރު އޮންނެވީ އައިސީޔޫގައި ކަމަށް އޭޑީކޭ އިން ވަނީ ހާމަކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!