ނަޝީދަށް ދިން ހަމަލާގެ ތަހުގީގަށް އޮސްޓްރޭލިއާގެ ޓީމެއް ހޮނިހިރު ދުވަހު އަންނަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދީފައިވާ ހަމަލާގެ ތަހުގީގަށް އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ ތަހުގީގު ޓީމެއް ރާއްޖެ އަންނަން ހަމަޖެހިއްޖެ އެވެ.

އެކަން ހާމަކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ގައުމާއި މުހާތަބު ކުރައްވައެވެ.

މިރޭ މާލޭގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެން މިރޭ ރައީސް ސޯލިހް ގައުމާ މުހާތަބު ކުރައްވާ ވިދާޅުވީ، ނަޝިދަށް އަނިޔާ ލިބިފައިވާ ކަމަށާއި އެކަމާ ގުޅިގެން ސާޖަރީތަކެއް ކުރަމުން ދާ ކަމަށެވެ. މި ހަމަލާގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް ފުލުހުންނާއި ސިފައިން މަސައްކަތް ކުރަމުންދާ ކަމަށާއި މި ތަހުގީގުގައި އެހީވުމަށް އޮސްތްރޭލިއަން ފެޑަރަލް ޕޮލިސް އަންނަ ހޮނިހިރު ދުވަހު ރާއްޖެއަށް އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ހަމަލާއަކީ ރައީސް ނަޝީދަށް ދިން ހަމަލާއެއްގެ އިތުރުން ދިވެހިރާއްޖޭގެ ޑިމޮކްރަސީއަށާއި އިގްތިސޯދަށް ދިން ހަމަލާއެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި މިފަދަ ކަންކަމުގައި އެއްވެސް ފަސްޖެހުމެއް ނެތި ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީން ކަން ދެެެއްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ހަމާލާގެ ތަހުގީގު ވީހާވެސް އަވަހަކަށް ނިންމުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

މިރޭ ނަޝީދުގެ ގެކޮޅު ސަރަހައްދުގައި ހިނގި މި ހާދިސާގައި ވަނީ 6 މީހަކަށް އަނިޔާވެފައެވެ. އެ ގޮތުން އެމްއެންޑީއެފްގެ ތިން މީހަކު ހިމެނެއެވެ. އެކަކަށް އައިޖީއެމްއެޗްގައި ފަރުވާ ދީފައިވާ އިރު އަނެއް ދެމީހުންނަށް ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ. މިހާރު މި އެންމެން ވެސް ވަނީ ދޫކޮށްލާފައެވެ.

މީގެ އިތުރުން ދިވެހި ފިރިހެނަކާއި ބިދޭސީ އަކަށް ވެސް މި ހާދިސާގައި އަނިޔާވެ ވަނީ އޭޑީކޭއަށް ފަރުވާ ދިނުމަށް ގެންގޮސްފައެވެ.

އަދިވެސް ރައީސް ނަޝީދަށް އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!