Closed sign in a shop showroom with reflections

އަމިއްލަ އޮފީސްތައް ވެސް ބަންދުކުރަން އަންގައިފި

ކޮވިޑް ޖެހޭ މީހުންގެ އަދަދު ރެކޯޑް އަދަދަކަށް އިތުރުވެފައި ވާތީ އެ ބަލި ކޮންޓްރޯލްކުރަން، މާލެ ސަރަހައްދުގައި ހިންގާ އަމިއްލަ އޮފީސްތައް ވެސް ބަންދުކުރުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ފަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުނު އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން ވަކި ގޮތެއް އަންގަންދެން މާލެ ސަރަހައްދުގައި ހުންނަ ދައުލަތުގެ އޮފީސްތަކުގެ އިތުރުން، އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކާއި އޮފީސްތަކަށް މުވައްޒަފުން ހާޒިރުކޮށްގެން މަސައްކަތް ނުކުރުމަށް އަންގާ ކަމަށެވެ.

މި އިއުލާނުގައި ބުނެފައި ވަނީ ކޮންމެހެން ނުކުމެގެން ކުރަންޖެހޭ ޒަރޫރީ ބޭނުންތަކަށް ފިޔަވައި، މުވައްޒަފުން މަސައްކަތައް ނުނެރުމަށް އަންގާ ކަމަށެވެ. ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެސް އަންގާފައިވެ އެވެ. އަދި އޮންލައިންކޮށް ހިދުމަތްތައް ދިނުމަށް ވެސް އެދިފައިވެ އެވެ.

ކޮވިޑް ޖެހޭ މީހުންގެ ރިކޯޑް އަދަދަކަށް އިތުރުވެ، ސަރުކާރު އޮފީސްތައް ބަންދުކޮށް ގޭގައި މަސައްކަތް ކުރާ ގޮތަށް ރައީސް އޮފީހުން ނިންމީ މިދިޔަ ބުދަ ދުވަހު އެވެ. ރައީސް އޮފީހުގެ އެންގުމުގައިވާ ގޮތުން، ރައީސް އެންގެވީ ސަރުކާރުގެ މުވައްޒަފުން ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތް ކުރުމަށާއި ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެވެން އޮތް ހުރިހާ ހިދުމަތެއް އެ ގޮތަށް ދިނުމަށެވެ.

ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި އަނެއްކާވެސް ޚާއްސަ ފިޔަވަޅުތަކެއް އެޅީ އެ ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވުމުންނެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!