ހަމަލާގެ ތަހުގީގަށް ބޭރުގެ އެހީތެރިކަން ހޯދަން ލަފާ ދެނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރޭ ދިން ޓެރަރިސްޓް ހަމަލައިގެ ތަހުގީގަށް ބޭރުގެ މާހިރުންގެ އެހީ ހޯދަން ފުލުހުންގެ ކިބައިން އެދެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ނިންމައިފި އެވެ.

ނަޝީދަށް ހަމަލާ ދިނުމާ ގުޅިގެން 241 ކޮމިޓީން ރޭ ބޭއްވި ބައްދަލުވުމަށް ފަހު އެ ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަަސްލަމް “މިހާރު” އަށް ވިދާޅުވީ، ބޭރުގެ މާހިރުންގެ އެހީ ހޯދަން ފުލުހުންނަށް ދަންނަވަން ނިންމީ މީގެ ކުރިން އެފަދަ ހާދިސާތަކުގައި ކަން ހިނގާފައިވާ ގޮތަށް ރިއާޔަތްކޮށްގެން ކަމަށެވެ.

“މިސާލަކަށްް އެންމެ ފުރަތަމަ މަރުހަލާގައި ހެކި ނަައްތައިލަން [ކުށްވެރިން] މަސައްކަތް ކޮށްްފާނެ ކަމާއި މި ކަހަލަ ކަންތައްތަކަށް ރިއާޔަތްކޮށް ކޮމިޓީން ނިންމީ ތަހުގީގު އަވަސް ކުރުމަށާއި ބޭރުގެ މާހިރުންގެ އެހީ ހޯދަން ފުލުހުންނަށް ދަންނަވަަން،” އަސްލަމް ވިދާޅުވި އެވެ.

މަޖިލީހުގެ 241 ކޮމިޓީއަކީ ގާނޫނުއަސާސީގެ 241 ވަނަ މާއްދާއިން ބާރު ލިބިގެން އުފައްދާފައި އޮންނަ ކޮމިޓީއެކެވެ. ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުން ކަންތައްތަކުގައި އެ ކޮމިޓީއަށް ޖަވާބުދާރީވާން ޖެހެ އެވެ. އެ ކޮމިޓީން ރޭ ބޭއްވި ބައްދަލުވުން ކުރިއަށް ގެންދިޔައީ ސިއްރު ބައްދަލުވުމެއްގެ ގޮތުގަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!