ވޮލަންޓިއަރެއްގެ ގޮތުގައި މަސައްކަތްކުރެވުމަށް ފަސްޓްލޭޑީ ތައްޔާރު

ކޯވިޑުން ރައްކާތެރިވުމަށް ކުރާ މަސައްކަތުގައި ވޮލަންޓިއަރެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަނބިކަނބަލުން ފަޒްނާ އަހްމަދު ޝައުޤުވެރިކަން ފާޅުކުރައްވައިފިއެވެ.

ކޯވިޑްގެ 4 ވަނަ ރާޅަކާ ކުރިމަތިލާ ރާއްޖޭގެ ހާލަތު މި އަންނަނީ އެއްދުވަހުން އަނެއް ދުވަހަށް ގޯސްވެ ނުރައްކާތެރިކަން އިތުރުވަމުންނެވެ. އަދި ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 500 މަތީގައި ހުންނަތާ ހަތަރު ދުވަސްފަހު އިއްޔެ މިވަނީ މިއަދު 700 އިން މައްޗަށްވެސް އަރާފައެވެ. އަދި މިބަލީގައި އެޑްމިޓްކޮށް ފަރުވާދޭ މީހުންގެ އަދަދު އިތުރުވެ ސިއްޙީ ހިދުމްތަތެރިންނަށްވެސް ވަނީ ބާރު ބޮޑުވެފައެވެ. ބައެއް ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ސިއްޙީ ބައެއް އޮފިޝަލުން އަންނަނީ ޑަބަލް ޑިއުޓީވެސް ނަގަމުންނެވެ.

މި ހާލަތުގައި ސިއްޙީ އޮފިޝަލުންގެ ގޮތުގައި ވޮލަންޓިއަރކޮށް މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދުމަށް ހެލްތް މިނިސްޓްރީން އިއްޔެ ވަނީ އިއުލާންވެސް ކޮށްފައެވެ.

ކޯވިޑުން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތުގައި ވޮލަންޓިއަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވިކަން ހާމަކުރައްވާ ފަސްޓް ލޭޑީ ފަޒްނާ އަހްމަދު ވިދާޅުވީ ކޯވިޑަށް ޕޮޒިޓިވް އެ ބަލިން ފަސޭހަވެވަޑައިގެން މިވަގުތު ހުންނެވީ ރައްކާތެރިކަމުގެ ހާލަތުގައިކަމަށެވެ. އެހެންކަމުން ފުރުސަތު ލިބިޑައިގެންފިނަމަ އެންމެ ބޮޑަށް ބޭނުންވާ ދިމާލެއްގައި ވޮލަންޓިއަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވިކަމަށްވެސް ފަޒްނާ ވިދާޅުވިއެވެ.

ފުރަބަންދުގައި އޮތް ދުވަސްވަރުވެސް މި ބަލިން ރައްކާތެރިވުމަށް ކުރި މަސައްކަތުގައި ބައިވެރިވެޑައިގެން އެކި މަސައްކަތްތައް އެކަމަނާ ވަނީ ކުރައްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!