ބޯރޯޑްކޮމްގެ މެންބަރު ކަމަށް ޝިފްލާ އައްޔަންކުރައްވައިފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަށް ކުރީގެ މަޝްހޫރު ޕްރެޒެންޓަރު ޝިފްލާ އިބްރާހީމް އައްޔަންކުރައްވައިފި އެވެ.

ޝިފްލާ ބްރޯޑްކޮމްގެ މެންބަރު ކަމަށް އައްޔަންކުރައްވާ މަގާމުގެ ލިޔުން ހަވާލުކުރެއްވީ ރައީސް އޮފީހުގައި މިއަދު މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ.

ބްރޯޑްކޮމްގެ މެންބަރު ކަަމަށް ޝިފްލާ އައްޔަންކުރައްވާފައި މިވަނީ އޭނާ އެ މަގާމަށް އައްޔަންކުރަން ފެންނަ ކަމަށް މިދިޔަ މަހުގެ 29 ވަނަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި ރުހުން ދިނުމާ ގުޅިގެންނެވެ. އެ ދުވަހު ޝިފްލާ އަށް ރުހުން ދިނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 71 މެންބަރުންގެ އިއްތިފާގުންނެވެ.

އޭގެކުރިން ދެ ފަހަރެއްގެ މަތިން ބްރޯޑްކޮމްގެ މެންބަރު ކަމަށް އައްޔަނުކުރަން ޝިފްލާގެ ނަން ރައީސް ސޯލިހް މަޖިލީހަށް ހުށަހެޅުއްވި އެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ޝިފްލާގެ ނަން ފެއިލް ކޮށްލަނީ އެވެ.

ބްރޯޑްކޮމްގެ މެމްބަރު ކަމަށް ޝިފްލާ އައްޔަންކުރައްވާފައި މިވަނީ ކޮމިޝަންގެ ކުރީގެ މެންބަރު އައިމިނަތު ސަހާރަތު އިއްޒަތުގެ ދައުރު ހަމަވުމުން އޭނާގެ ބަދަލުގަ އެވެ.

ޝިފްލާ އިބްރާހީމް ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީން މާސްޓާ އޮފް އާޓްސް އިން ޖާނަލިޒަމް އެންޑް މީޑިއާ ކޮމިއުނިކޭޝަންސް ހާސިލްކުރައްވާފަ އެވެ. ނޫސްވެރިކަމުގެ ދާއިރާ އިން ޝިފްލާ ޑިގްރީ ހާސިލް ކުރެއްވީ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) އިންނެވެ.

ޝިފްލާ ނޫސްވެރިކަމުގެ ދާއިރާއާ ގުޅިވަޑައިގަތީ 1999 ވަނަ އަހަރު ޓެލެވިޒަން މޯލްޑިވްސްގެ އެނައުންސަރ ޓްރެއިނީއެއްގެ ގޮތުގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!