ޓްވިޓާއިން ސަސްޕެންޑު ކުރިޔަސް އަޑުއުފުލާނެ ގޮތްގޮތް އެބަހުރި: ކަންގަނާ

އަނިޔާއަށް ހިތްވަރުދޭފަދަ ޓްވީޓެއް ކުރިކަމުގެ ތުހުމަތުގައި މިއަދު ޓްވިޓާއިން ސަސްޕެންޑުކުރި ބޮލީވުޑް އެކްޓްރެސް ކަންގަނާ ރަނައުތު، އެކަމާ ގުޅިގެން ރައްދުދީފިއެވެ.

ވެސްޓް ބެންގާލުގެ ޗީފް މިނިސްޓަރު މަމްތާ ބެނާޖީއަށް ގެއްލުންދޭން ގޮވާލައި ކަންގަނާ ކުރި ޓްވީޓަކާ ގުޅިގެން އޭނާގެ އެކައުންޓު ސަސްޕެންޑުކޮށްފައި ވަނީ މިއަދު ހެނދުނެވެ. އެއާއެކު ކަންގަނާ މިހާރު ވަނީ އެކަމަށް ރައްދުދީ، ބަޔާނެއް ނެރެފައެވެ. އެގޮތުން 34 އަހަރުގެ ބަތަލާ ބުނީ ޓްވިޓާއިން އޭނާ ސަސްޕެންޑުކުރުމުން، ޓްވިޓާއަކީ އެމެރިކާ މީހުންގެ އެއްޗެއްކަން ސާބިތުވެއްޖެ ކަމަށެވެ. އަދި އެމެރިކާ މީހުންނަކީ އުފެދުމުގައި ވެސް، އެހެން ނަސްލުތަކުގެ މީހުން އަޅުވެތިކުރުމުގެ ވިސްނުން ހުންނަ ބައެއް ކަމަށާއި، އެހެން މީހުންގެ ފިކުރުތައް ވެސް އެމީހުން ކޮންޓްރޯލްކުރަން ބޭނުންވާ ކަމަށެވެ.

“ނަސީބަކުން އަހަރެންގެ އަޑި އުފުލަން އެހެން ޕްލެޓްފޯމްތައް ވެސް އެބަހުރި. އަހަރެންގެ މަސައްކަތް (ފިލްމު ކުޅުން) ބޭނުންކޮށްގެން ސިނަމާތަކުގައިވެސް އަހަރެންގެ ހިޔާލު ފާޅުކުރެވޭނެ”، ކަންގަނާ ބުންޏެވެ.

ކަންގަނާއަކީ ބޮލީވުޑާއި ބޮލީވުޑުން ބޭރުން އިންޑިއާގައި ހިނގާ ކޮންމެ ކަމަކަށް ބަސްބުނާ މީހެކެވެ. މިކަމުގެ ސަބަބުން އޭނާއަށް ވަނީ ގިނަ ބައެއްގެ ހިތްހަމަނުޖެހުން އަމާޒުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!