ހިޔާގައި ރޯވުން ތަހުގީގުކޮށް އޮޑިޓެއް ހަދަން ގޮވާލައިފި

ކުޑަކުދިންގެ ހިޔާގައި މިއަދު އަލިފާން ރޯވި ސަބަބު ދެނެގަތުމަށް ތަހުގީގެއް ކުރިއަށް ގެންދިއުމަށާއި އެތަނުގައި އަލިފާން ނިއްވާލުމުގެ ނިޒާމު ގާއިމުކުރެވިފައި ހުރި ގޮތުގެ އޮޑިޓެއް ހެދުމަށް އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އިން ގޮވާލައިފި އެވެ.

އާކް އިން އެކަަމަށް ގޮވާލާފައި މިވަނީ ކުޑަކުދިންގެ ހިޔާގައި މިއަދު ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާ އެތަނުގެ އެއް ކޮޓަރި އަނދާހުލިވެފައި ވަނިކޮށެވެ.

އާކް އިން ނެރުނު ބަޔާނުގައި ވަނީ ކުޑަކުދިންގެ ހިޔާގައި އަލިފާން ރޯވި ސަބަބު ދެނެގަތުމަށް ތަހުގީގެއް ކުރުމަށާއި އެތަނުގައި އަލިފާން ނިއްވާލުމުގެ ނިޒާމު ގާއިމުކުރެވިފައި ހުރި ގޮތާއި ރައްކާތެރިކަމަށްޓަކައި ފިޔަވަޅު އަޅާފައިވާ ގޮތުގެ އޮޑިޓެއް ހެދުމަށް ގޮވާލާފަ އެވެ.

“ކުޑަކުދިންގެ ހިޔާގެ ސަލާމަތާއި އަދި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް އާކް އިން ސަރުކާރަށް ގޮވާލަމެވެ،” ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާގެ ބަޔާނުގައިވެ އެވެ.

މިއަދުގެ ހާދިސާ އަކީ ކުޑަކުދިންގެ ހިޔާގެ ތެރޭގައި ހުއްޓުމެއް ނެތި ހިނގަމުންދާ ނޭއްގާނީ ގިނަ މައްސަލަތަކެއްގެ ތެރެއަށް އިތުރުވި ކަމެއްގެ ގޮތުގައި އާކް އިން ދެކެވެ. އަދި އެ ހާދިސާ އަކީ ކޮވިޑް 19ގެ ހާލަތާއި ގުޅިގެން ކުރިމަތިވި ދަތިތަކުގެ ތެރެއިން ހިޔާގައި ތިބޭ ކުދިންގެ ބޭނުންތަކަށް އަޅާނުލެވި، ވަސީލަތްތައް ބެލެހެއްޓުމުގައި ފެއިލްވުމުގެ ނަތީޖާ ކަމަށްވެސް ބުނެފައިވެ އެވެ.

“ތަފާތު އެކި މުނާސަބަތުތަކުގައި މިނިވަން މުއައްސަސާތަކާއި ދައުލަތުގެ އިދާރާތަކުގެ ސަމާލުކަމަށް މި މައްސަލަތައް އާކް އިން ވަނީ ގެނެސްދީފައި،” ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޒަކީ އިސްވެ ހުންނަވައިގެން ހިންގާ ޖަމިއްޔާގެ ބަޔާނުގައިވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!