ވެންޓިލޭޓަރު އެއްބަސްވުން ބާޠިލުކޮށްފި

ކޮވިޑް 19 އާ ގުޅިގެން ދިވެހިރާއްޖެއަށް ބޭނުންވާ ވެންޓިލޭތަރުތައް ހޯދުމަށް ހެލްތު މިނިސްޓްރީއާއި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ދެމެދު ވެފައިވާ އެއްބަސްވުން ބާތިލުކުރުމުގެ ނޯޓިސް، އެކުންފުންޏަށް ފޮނުވައިފިއެވެ.

ކޯވިޑް-19 އާ ގުޅިގެން ދިވެހިރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމާގުޅޭ ގޮތުން މިނިސްޓްރީ އޮފް ހެލްތާއި އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއާއެކު ވެފައިވާ އެއްބަސްވުން ބާޠިލުކުރުމާގުޅޭގޮތުން ބަންޑާރަ ނާއިބުގެ އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ
އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ސަޕްލަޔަރ މުދާ ފޯރުކޮށްނުދީފިނަމަ އެއްބަސްވުން ބާޠިލުކުރެވިދާނެކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާތީ، އެއްބަސްވުމުގައިވާ ގޮތަށް އެ ކުންފުނިން ހުރިހާ މުދާ ފޯރުކޮށްދީފައިނުވާތީ އެއްބަސްވުން ބާޠިލުކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހެލްތުން މިމަހުގެ 2 ވަނަ ދުވަހު އެގްޒެކިއުޓާސްއަށް ޓަރމިނޭޝަން ނޯޓިސް” ފޮނުވާފައިވާކަމަށެވެ.

އަދި އެއްބަސްވުން ބާޠިލުކުރާ ދުވަހާ ހަމަޔަށް މުދާ ފޯރުކޮށްދީފައިނުވާނަމަ، އެ މުދާ ފޯރުކޮށްދިނުމަށް އެހާތަނަށް ދައްކާފައިވާ ފައިސާ އަނބުރާ ރައްދުކޮށްދޭންވާނެކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާކަން އޭޖީ އޮފީހުންވަނީ ފާހަގަކޮށްފައެވެ.

އެގޮތުން، އެ ކުންފުނިން ފޯރުކޮށްދީފައިނުވާ މުދަލަށް އެޑްވާންސްކޮށް ދައްކާފައިވާ ފައިސާއާއި އެއްބަސްވުމާ އެއްގޮތަށް މުދާ ފޯރުކޮށްނުދިނުމުގެ ސަބަބުން ލިބިފައިވާ ސީދާ ގެއްލުމުގެ ބަދަލު އެ ކުންފުނިން ސަރުކާރަށް ނުދައްކައިފިނަމަ އެ ފައިސާ ހޯދުމުގެ މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާކަމަށްވެސް ސަރުކާރުން ވިދާޅުވިއެވެ.

އޭޖީގެ ބަޔާނުގައިވާ ގޮތުން ވެންޓިލޭޓަރު އެއްބަސްވުމުގައިވަނީ އެ އެއްބަސްވުމުގެ ދަށުން އުފެދޭ މައްސަލަތައް ހައްލުކުރާނީ އާބިޓްރޭޝަން މެދުވެރިކޮށްކަމަށާއި، އާބިޓްރޭޝަން ހިންގާ ތަނަކީ ދިވެހިރާއްޖެކަމަށެވެ. އަދި ޢަމަލުކުރެވޭނީވެސް ދިވެހިރާއްޖޭގެ ޤާނޫނަށްކަމުން އާބިޓްރޭޝަން ހިންގާނީ މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގައެވެ.

އެއްބަސްވުމުގައިވާ ގޮތުން، މައްސަލަ ބަލާނީ 1 އާބިޓްރޭޓަރަކުކަމަށާއި، މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގައި މައްސަލަ ބެލުމަށް ރަޖިސްޓްރީވެފައިވަނީ ރާއްޖޭގެ ބޭރުގެ ތަޖުރިބާކާރު އާބިޓްރޭޓަރުންކަން މިބަޔާނުގައިވަނީ ފާހަގަކޮށްފައެވެ.

އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއަކީ، ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ރަޖިސްޓްރީވެފައިވާ ކުންފުންޏެއްކަމަށްވާތީ، ދިވެހިރާއްޖެއާއި ޤައުމެއްގެ ކުންފުންޏަކާ ދެމެދު ހިންގޭ އާބިޓްރޭޝަންގެ މައްސަލައަކީ “އިންޓަރނޭޝަނަލް އާބިޓްރޭޝަން”ގެ މައްސަލައެކެވެ. ދިވެހިރާއްޖެއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްއަކީ “ކޮންވެންޝަން އޮން ދަ ރިކޮގްނިޝަން އެންޑް އެންފޯސްމަންޓް އޮފް ފޮރިން އާބިޓްރަލް އެވޯޑްސް” (ނިއުޔޯކް ކޮންވެންޝަން)ގެ ބައިވެރިންނެވެ. އެ މުޢާހަދާގައި 168 ޤައުމަކުން ބައިވެރިވެފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!