ހެލްތު މިނިސްޓްރީގެ ދެ ނައިބުވަޒީރަކު މަޤާމުން ވަކިކޮށްފި

ހެލްތުގެ ނައިބުގެ މަޤާމުގައި ހުންނެވި ދެ ބޭފުޅުން މަގާމުން ވަކިކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް،‏ މަގާމުން ކުރައްވާފައިވަނީ މިނިސްޓަރ އޮފް ހެލްތުގެ ނައިބުގެ މަޤާމުގައި ތިއްބެވި ދެ ބޭފުޅުން ކަމަށްވާ ސ. ފޭދޫ ޕިންކްހައުސް، އަލްއުސްތާޛާ ޝިޔާމާ މުޙައްމަދާއި، ގއ. ދާންދޫ ހަނދުވަރީވާދީ، ނިޝާމާ މުޙައްމަދު އެވެ. އަދި އެ ދެ ބޭފުޅުން މަގާމުން ވަކި ކުރެއްވީ މިއަދު އެވެ.

ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ނިޝާމާއަކީ އެ ޚިޔާނަތް ހިނގިއިރު ބިޑް ކޮމެޓީގެ ޗެއާގެ ގޮތުގައި ހުންނެވި ފަރާތެވެ. އަދި ޝިޔާމާ އަކީ ދުބާއީގެ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގ އިން ވެންޓިލޭޓަރު ގަންނަން އެއްބަސްވުމުގައި ސޮއި ކުރެއްވި ބޭފުޅާއެވެ.

ޤާނޫނާއި ޚިލާފަށް އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންއަށް އެޑްވާންސަށް ފައިސާ ދިން މައްސަލަ އާއި ފައިސާ ދިނުމުން ވެސް ވެންޓިލޭޓަރުތައް ނުލިބުނު މައްސަލައިގައި ޝިޔާމާ އާއި، ނިޝާމާ ސަސްޕެންޝަންގައި ތިއްބެވި އިރުވެސް ހަތްމަސް ދުވަސް ވަންދެން ވަނީ މުސާރަ ދީފައެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލަ ފެންމަތިވީ އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ދައުލަތުން ހޯދަން ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކޮށްފައިވާ ކަން ބަޔާން ކުރުމުންނެވެ. އެގޮތުން 75 ވެންޓިލޭޓަރު ގެންނަށް ދުބާއީ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި 90 ޕަސަންޓަށް ވާ 30.9 މިލިއަން ރުފިޔާ ދީފައި ވާ އިރު، އަދި ލިބިފައި ވަނީ އޭގެ 10 ވެންޓިލޭޓަރެވެ.

ވެންޓިލޭޓަރުތައް ގަތުމަށް ދުބާއީގެ ކުންފުންޏަކަށް ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިމެނޭ ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަމީން ހިމެނިވަޑައިގަންނަވާ ގޮތަށް އެ މިނިސްޓްރީގެ 11 ފަރާތެއްގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީ އިން ފޮނުވި މައްސަލާގައި ދައުވާ ކުރެވޭ ވަރަށް ހެކި ނެތިގެން ދައުވާ ނުކުރަން ޕީޖީ އޮފީހުން ނިންމިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!