ސަލްމާންގެ ސީޓީ މާރް ލަވަ ކިއީ އޭނާގެ ލޯބިވެރިޔާކަން އެނގޭތަ؟

ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލްމު “ރާދޭ” ގެ ވީޑިއޯ ލަވައެއް ދާދިފަހުން ރިލީޒް ކޮށްފައިވާއިރު، ގިނަ ބަޔަކު އަންނަނީ އެ ލަވައަށް ތަޢުރީފުކުރަމުންނެވެ.

“ސީޓީ މާރް” ނަމަކަށް ކިޔާ އެ ލަވައިގައި ސަލްމާނާއި ދިޝާ ޕަޓާނީގެ ފަރި ނެށުންތަކެއް ފެނިގެންދާއިރު، ގިނަ ބަޔަކު ހައިރާންކޮށްލީ އެ ލަވައިގެ އަންހެން އަޑަކީ ކާކުކަން އެނގުމުންނެވެ. އެއީ ސަލްމާން ޚާންގެ ލޯބިވެރިޔާ އޫލިއާ ވަންތޫރުގެ އަޑެވެ. މިއީ އޫލިއާ ހިންދީ ލަވައަކަށް އަޑުއަޅައިދިން ފުރަތަމަ ފަހަރެވެ.

ރޯމޭނިއާއަށް އުފަން އޫލިއާ އަކީ މިހާރު ބޮލީވުޑްގައި މަސައްކަތް ކުރަމުން އަންނަ ފަންނާނެކެވެ. “ސީޓީ މާރް” ލަވަ ކިޔުމާ ގުޅޭގޮތުން ‘ޓައިމްސް އޮފް އިންޑިއާ’ އަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ ވަރަށް ކުރިން ފެށިގެން އަޑު ރީތިކުރުމަށް ޕްރެކްޓިސް ކުރާ ކަމަށެވެ. އެގޮތުން ސާޖިދް-ވާދިޖްގެ ސްޓޫޑިއޯއަށް ގޮސް ލަވަކި ފަރިތަ ކުރުން އަބަދުވެސް އޮންނަ ކަމަށާއި، އެދެމީހުންނަކީ ވަރަށް ބޮޑަށް ހިތްވަރުދީ ގިނަ އެއްޗެހިތަކެއް ދަސްކޮށްދިން ދެމީހުން ކަމަށް އޫލިއާ ބުންޏެވެ.

އެހެންނަމަވެސް، ލަވަކިޔުން ސީރިއަސްކޮށް ނަގައި އެކަމައިގެން ކުރިއަށް ދިޔުމަށް އެންމެ ބޮޑު ހިތްވަރެއް ދިނީ ސަލްމާން ކަމަށް އޫލިއާ ބުންޏެވެ. އަދި “ސީޓީ މާރް” ކިޔަން ނިންމީ ވެސް ސަލްމާންގެ އެދުމުގެ މަތިން ކަން ފާހަގަކުރިއެވެ. އެކަމަކު، އޫލިއާ ހިންދީއަށް މާބޮޑަށް ފަރިތަ ނޫންކަން ފާހަގަކުރަމުން ބުނީ ހިންދީ ކިޔުން އިތުރަށް ރަނގަޅު ކުރުމަށް މިހާރުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.

“ސީޓީ މާރް” ލަވައަށް ޔޫޓިއުބްގައި 78 މިލިއަނަށްވުރެ ގިނަ ވިއުސް މިހާތަނަށް ވަނީ ލިބިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!