އައު ކައުންސިލަރުން ހުވާކުރުން މެއި 17ގައި

އަލަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު މެއި މަހުގެ 17 ވަނަ ދުވަހު ބާއްވާނެ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީން ބުނެފިއެވެ.

އޭޕްރިލް 10 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އިންތިޚާބުވި ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ޑިރެކްޓަރު އަބްދުﷲ ރަޝީދު ވަނީ އެކައުންސިލަރުން ހުވާކުރުމުގެ އުސޫލުތައް އެކުލަވާލައި ނިމިފައިވާކަމަށް ވިދާޅުވެފައެވެ. އަދި މިއުސޫލުތައް މިހާރު އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާނެ ކަމަށާއި ކޮވިޑް-19ގެ ހާލަތުގައި ހުވާކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދާނެ ގޮތާމެދު ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ލަފާ ލިބިފައިވާކަމަށް ރަޝީދު ވިދާޅުވިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއިއެކު އިތުރަށް މަޝްވަރާކުރަންޖެހޭ ކަންކަން އެބަހުރިކަމަށާއި، މަޝްވަރާތައް ކުރިއަށް ދާނެ ކަމަށް ރަޝީދު ވިދާޅުވިއެވެ. އަދި މިއަހަރުގެ ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު އެކި ގޮތްގޮތަށް ކުރިއަށްގެންދިއުމަށް ރާވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ އަތޮޅު ކައުންސިލަރުން މީގެ ކުރިން ހުވާކުރަމުން އައި ގޮތަށް ފަނޑިޔާރުންގެ ކުރިމަތީގައި ހުވާކުރަން ނިންމާފައިވާ ކަމަށާއި ކޮވިޑްގެ ހާލަތަށް ރިއާޔަތްކޮށް ކާފިއު އިއުލާނުކޮށްފައިވާ އަދި މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްރަށުގައި ހުވާކުރާނެ ގޮތްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މި ރަސްމިއްޔާތަށް ހާޒިރުވެ، ހުވާކުރުމުގެ ކަންތައްތައް ކުރިއަށް ގެންދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްކުރަމުންދާ ކަމަށާއި އެގޮތަށް އެކަން ނުވެއްޖެ ނަމަ ވަރޗުއަލްކޮށް ހުވާކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދާނެ ކަމަށް ރަޝީދު ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!