ނޫޝީންއާއި ނަޒްރާއަށް މަގާމުގެ ކުރިއެރުން ދީފި

ރައީސް އޮފީހުގެ އެންޓި ޓެރަރިޒަމް ކޮންސަލްޓަންޓްގެ މަގާމުގައި ހުންނެވި އައިޝަތު ނޫޝީން ވަހީދާއި ޗީފް އެކްޒެކެޓިވް ޓު ވައިސް ޕްރެޒިޑެންޓްގެ މަގާމުގައި ހުންނެވި ނަޒްރާ ނަސީމަށް މަގާމުގެ ކުރިއެރުން ދީފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ރާއްޖެ އެމްވީއާއި ވާހަކަދައްކަވަމުން ވަނީ ނޫޝީންއާއި ނަޒްރާއަށް މަގާމުގެ ކުރިއެރުން ދީފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ. އެގޮތުން ރައީސް އޮފީހުގެ ކޮންސަލްޓަންޓެއްގެ ގޮތުގައި ހުންނެވި ނޫޝީންއަށް ރައީސް އޮފީހުން ދީފައިވާ އައު މަގާމަކީ އެ އޮފީހުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒާސް އޮފީހުގެ ސެކްރެޓަރީގެ މަގާމުކަމަށް މަބްރޫކް ވިދާޅުވިއެވެ. މިއީ ސްޓޭޓް މިނިސްޓަރު ފެންވަރުގެ މަގާމެކެވެ. ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފްގެ އަނބިކަނބަލުން ނޫޝީންއަށް ރައީސް އޮފީހުގެ ވަޒީފާ ހަމަޖެހުނީ 2018 ނޮވެމްބަރުގައެވެ. އޭރު އެ މަގާމަކީ ޑެޕިއުޓީ މިނިސްޓަރު ފެންވަރުގެ މަގާމެކެވެ.

މީގެ އިތުރުން ނައިބު ރައީސްގެ އޮފީހުގެ ޗީފް އެކްޒެކެޓިވްކަން ކުރައްވާ، ނައިބު ރައީސްގެ ކޮއްކޯފުޅު ނަޒްރާ ނަސީމްގެ މަގާމަކީ ސްޓޭޓް މިނިސްޓަރު ފެންވަރުގެ މަގާމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. މަބްރޫކް ވިދާޅުވީ ނަޒްރާގެ މަގާމު ސްޓޭޓް މިނިސްޓަރެއްގެ މަގާމަށް ބަދަލުކުރީ މި އަހަރުގެ ފެބްރުއަރީ އެއްވަނަ ދުވަހު ކަމަށެވެ. މަބްރޫކް އަޒީޒް ވިދާޅުވީ ނޫޝިންއަށް އައު މަގާމު ދިނީ އޭޕްރިލް 4 ވަނަ ދުވަހުއެވެ.

މި ދެބޭފުޅުންގެ މަޤާމުގެ ކުރިއެރުމާއެކު ދެ ބޭފުޅުންގެ މުސާރަ ވެސް ބޮޑުވެގެންދާނެއެވެ. އެގޮތުން އެބޭފުޅުންނަށް މުސާރައަށް 32،000 ރުފިޔާ އަދި އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާއާއެކު މަހަކު ޖުމްލަ 47،000 ރުފިޔާ ލިބޭނެއެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!