މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ފަސް މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ފަސް މީހަކު ހައްޔަރުކޮށް އެ މައްސަލަތައް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

އެގޮތުން ހިންގި އެއް އޮޕަރޭޝަނަކީ ރ. އަތޮޅު ރިސޯޓަކަށް ދަތުރުކުރަމުންދާ ސަޕްލައި ދޯންޏަކުން މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެޕްރީލް 30 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. މީދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، އެ ދޯނި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅަކާއި، ޖޫސްޕެޓީ ކޮތަޅަކާ އަދި ހަތް ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން 35 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

އޭގެ އިތުރުން އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައިވެސް މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއް ހިންގާފައިވެއެވެ. އެގޮތުން ހިންގި އެއް އޮޕަރޭޝަނުގައި އެޕްރީލް މަހުގެ 29 ވަނަ ދުވަހު މައްޗަންގޯޅި ގެއެއް ބަލައި ފާސްކޮށްފައިވެއެވެ. އަދި އެ ބަލައި ފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅަކާއި، ދެ ސެލޯފިންކޮޅާއި، ހަތަރު ރަބަރު ޕެކެޓު ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން 24 އަހަރުގެ މީހަކާއި 29 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. މި ދެ މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.

އޭގެ އިތުރުން، އެޕްރީލް މަހުގެ 28 ވަނަ ދުވަހު ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނުގައި މާފަންނު ގެއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ހަތަރު ދަޅާއި، 18 ސެލޯފިންކޮޅާއި، 84 ރަބަރު ޕެކެޓު ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން 22 އަހަރުގެ އަންހެނަކާއި 22 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ.

މި މައްސަލަތަކާ ގުޅިގެން އެ ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތު 24 އަހަރުގެ މީހާއާއި 29 އަހަރުގެ މީހާގެ އިތުރުން 22 އަހަރުގެ ފިރިހެން މީހާއަށް ދީފައިވެއެވެ. އަދި 22 އަހަރުގެ އަންހެން މީހާ ބަންދުގައި ބެހެއްޓުމަށް ފަސްދުވަހުގެ މުއްދަތުދީފައިވެއެވެ.

Written by

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!