ރުބީނާ އަށް ކޮވިޑް ޖެހިއްޖެ

އިންޑިއާގެ މަޝްހޫރު ޓީވީ އެކްޓްރެސް ރުބީނާ ދިލެއިކް، ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އެ ޤައުމުގައި އިންތިހާ ދަރަޖައަކަށް ކޮވިޑް ފެތުރެމުންދާ މި ދަނޑިވަޅުގައި، ރުބީނާއަށް އެ ބަލި ޖެހުނުކަން އިޢުލާނުކޮށްފައިވަނީ އިއްޔެއެވެ. އެގޮތުން 33 އަހަރުގެ ބަތަލާ އިންސްޓަގްރާމްގައި މެދުވެރިކޮށް ކުރި ޕޯސްޓުގައި ބުނީ އޭނާއަކީ ކޮންމެ ކަމެއްގައި ވެސް އޮންނަ ރަނގަޅު ގޮތަށް ބަލާ މީހެއް ކަމަށާއި، 1 މަސް ފަހުން އޭނާގެ ޕްލާސްމާ ޑޮނޭޓު ކުރެވޭނެ ކަމަށެވެ.

“އަހަރެން ޕޮޒިޓިވްވެއްޖެ. މީނީ 17 ދުވަހަށް ގޭގައި ކަރަންޓީނު ވެގެން. މިދިޔަ 5-7 ދުވަސް ތެރޭގައި އަހަންނާ ބައްދަލުވި އެންމެން އަވަހަށް ޓެސްޓުކުރޭ” ރުބީނާ ލިޔެފައިވެއެވެ.

މީގެ އިތުރުން ‘ޓައިމްސް އޮފް އިންޑިއާ’ އާ ވާހަކަދައްކަމުން ރުބީނާ ބުނީ އޭނާ ބަލިވެ އުޅޭކަން ފިރިމީހާ އަބިނަވް ޝުކްލާއަށް އެނގިގެން ޕަންޖާބުގައި ހުރެފައި އެނބުރި މުމްބާއީއަށް އަންނަން އުޅޭ ކަމަށާއި، ނަމަވެސް އޭނާ ކޮވިޑަށް ޕޮޒިޓިވްވިކަން އަދި ނޭނގޭ ކަމަށެވެ. “އަބިނަވް އައީމަ އޭނައަށް މި ޚަބަރު ލިބޭނީ”.

ރުބީނާ ބުނީ އޭނާ ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ ޕްރޮޖެކްޓުތަކެއްގެ މަސައްކަތް ފަށައިގެން އުޅެނިކޮށް ކަމަށެވެ. އެހެންނަމަވެސް އަމިއްލަ ސިއްޙަތަށްވުރެ އެހެން ކަމެއް މުހިންމު ނުވާނެ ކަމަށާއި، އެ މަސައްކަތަށް އަނބުރާ ދާނީ ކޮވިޑުން ރަނގަޅުވެ، ހާލު އެއްކޮށް ރަނގަޅުވުމުން ކަމަށް ބުންޏެވެ.

ރުބީނާއާއި އަބިނަވް ވަނީ ކަލާޒް ޓީވީގެ ރިއަލިޓީ ޝޯ “ބިގް ބޮސް 14” ގައި ބައިވެރިފައެވެ. މީގެ ދެމަސް ކުރިން ނިންމައިލި އެ ޝޯ ކާމިޔާބު ކުރީ ރުބީނާއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!