ވިރާޓް އާ ފުރަތަމަ ދިމާވި ގޮތް އަނުޝްކާ ކިޔައިދީފި

ބޮލީވުޑްގެ ކާމިޔާބު ބަތަލާ އަނުޝްކާ ޝަރްމާގެ 33 ވަނަ އުފަންދުވަސް މިއަދު ފާހަގަކުރަމުންދާއިރު، އިންޑިއާގެ މުނިފޫހިލުވުމުގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ވަނީ އޭނާއާ ބެހޭ އާންމު ނޫން ބައެއް ވާހަކަތައް ގެނެސްދީފައެވެ. އެގޮތުން އަނުޝްކާއާއި އޭނާގެ ފިރިމީހާ ވިރާޓް ކޯލީ ބައްދަލުވިގޮތް އަނުޝްކާއާ ހަވާލާދީ އެއް ނޫހަކުން ވަނީ ހިއްސާކޮށްފައެވެ.

އަނުޝްކާއާއި މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ފުރަތަމަ ބައްދަލުވީ، 2013 ވަނަ އަހަރު ޝޭމްޕޫ އިޝްތިހާރަކަށް ޝޫޓުކުރަމުންނެވެ. އެ އިޝްތިހާރު ޓީވީއިން ދައްކަން ފެށުމާއެކު، ގިނަ ބަޔަކު ވަނީ އެދެމީހުންގެ މެދުގައިވާ ކެމިސްޓްރީ ކަމުގޮސްގެން ވާހަކަ ދައްކައިފައެވެ. ނަމަވެސް އަނުޝްކާ ބުނީ އޭރު އެކަހަލަ އެއްވެސް ގުޅުމެއް ވިރާޓް އާ ނޯންނާނެ ކަމަށެވެ.

އަނުޝްކާއާއި ވިރާޓްގެ މަޝްހޫރު އިޝްތިހާރު

އަދި ފުރަތަމަ ބައްދަލުވިއިރު އަނުޝްކާ ހީކުރީ ވިރާޓަކީ ވަރަށް ފޮނި މީހެއް ކަމަށާއި، އެހެންކަމުން އޭނާ ވެސް ވިރާޓްގެ ކުރިމަތީގައި “ފޮނިވީ” ކަމަށް ފަހުން އަނުޝްކާ ކިޔައިދިނެވެ. އެކަމަކު 3 ދުވަސް ހޭދަވި އެ ޝޫޓިންގައި، ވިރާޓުގެ ޙަޤީޤީ ސިފަ އެނގިގެން ދިޔަކަމަށް ބުންޏެވެ. އެގޮތުން ވިރާޓަކީ ވަރަށް ވިސްނޭ، މީހުންނާ ގުޅޭ މަޖާ މިޒާޖެއްގެ މީހެއްކަން އެނގުމުން އަނުޝްކާއަށް އޭނާ އެހިސާބުން ކަމުދިޔަ ކަމަށް ބުންޏެވެ. އެއާއެކު، އަނުޝްކާގެ ގޭގައި އޮތް ކެއުމަކަށް ގާތް ރައްޓެހިންނަށް ދަޢުވަތު ދިންއިރު ވިރާޓަށް ވެސް ދަޢުވަތު ދިނެވެ. “އެއީ ހުރިހާ ކަމެއްގެ ފެށުމަކީ”، އަނުޝްކާ ބުންޏެވެ.

އަނުޝްކާ ވަނީ، އެ ޝޭމްޕޫ އިޝްތިހާރު ކުޅުމުގެ ފުރުސަތު ލިބުނީތީ އެކަމަށް ޝުކުރުއަދާކޮށްފައެވެ. އަދި އެކަމުގެ ސަބަބުން ވިރާޓް އާ ބައްދަލުވެ އޭނާގެ ދިރިއުޅުން ބަދަލުވެގެން ދިޔަކަން ފާހަގަކުރިއެވެ. އަނުޝްކާއާއި ވިރާޓް ކައިވެނިކުރީ 2017 ގައެވެ. އަދި މި އަހަރު ކުރީކޮޅު އެދެމަފިރިންނަށް ވަނީ ކުއްޖަކު ލިބިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!