ބިދޭސީންގެ ޖާގަތަކަށް ދިވެހިން ނުކުމެ، ދިވެހިންގެ އުފެއްދުންތެރި ވިސްނުމާއެކު މަސައްކަތް ފެށުމުން، މާ ފުރިހަމަ ތަރައްގީއެއް ހޯދޭނެ: ރައީސް

ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ބިދޭސީން ފުރަމުން އަންނަ ޖާގަތަކަށް ދިވެހި ޒުވާނުން ނުކުމެ، ދިވެހިންގެ އުފެއްދުންތެރި ވިސްނުމާއެކު ގައުމު ތަރައްގީ ކުރަން ފަށައިފިނަމަ، މިހާރަށްވުރެ މާ ފުރިހަމަ ތަރައްގީއެއް ހޯދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ގޮތުން މިއަދު ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ބިދޭސީން ފުރަމުން އަންނަ ޖާގަތަކަށް، ދިވެހި ޒުވާނުން ނުކުމެ، ދިވެހިންގެ އުފެއްދުންތެރި ވިސްނުމާއެކު، ޤައުމު ތަރައްޤީކުރަން ފަށައިފި ނަމަ، މިހާރަށްވުރެ މާ ފުރިހަމަ ތަރައްޤީއެއް ހޯދޭނެކަން ޔަޤީންވާކަމަށް ވިދާޅުވިއެވެ. އަދި ޤައުމެއްގެ ތަރައްޤީއަށް އެންމެބޮޑު ދިރުމެއް އަންނާނީ އެޤައުމެއްގެ އަމިއްލަ ދަރިން، ޤައުމު ބިނާކޮށް އާރާސްތުކުރުމުގެ މަސައްކަތާ ޙަވާލުވެގެންކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ކޯވިޑް-19ގެ މި ނުރައްކާތެރި ހާލަތުގައި ގިނަ ޢަދަދެއްގެ މަސައްކަތްތެރިންނަށް ވަރަށް ނިކަމެތި ގޮތްތައް މެދުވެރިވެގެން ދިޔަކަން ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ. އަދި މިސަރުކާރުން އެފަދަ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކޮށްދިނުމުގެ ގޮތުން، 16،000އަށް ވުރެ ގިނަ ބިދޭސީ މަސައްކަތްތެރިން، މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި، އެމީހުންގެ ޤައުމަށް އަނބުރާ ފޮނުވައިދީފައިވާނެކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. މީގެއިތުރުންވެސް މަސައްކަތްތެރިންނާ ގުޅިފައިވާ އެކި މައްސަލަތައް ޙައްލުކޮށް، އެމީހުންގެ ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށް، ވަރަށް ޚާއްޞަ އިސްކަމެއް ދީގެން ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިގޮތުން ރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުން، އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ ކަނޑައެޅުން ފަދަ ޤާނޫނަށް ގެންނެވި މުހިންމު ބަދަލުތަކުގެ މައްޗަށް މިއަދުގެ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަލިއަޅުވާލައްވާފައެވެ.

މިއަދުގެ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމުގެ ތަރައްޤީއަށް މަސައްކަތްތެރިން އަދާކުރަމުންދާ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ. އެގޮތުން ކޮންމެ ޤައުމެއްގައިވެސް، މަސައްކަތްތެރިންނަކީ، އެ ޤައުމެއްގެ ތަރައްޤީގެ ތަޞައްވުރުތައް ޙަޤީޤަތަކަށް ހަދައިދޭ މީހުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ތަމައްދުންގެ ރީތި ކުލަތަކުން މުޖްތަމަޢު ޒީނަތްތެރިވެ، ނަމޫނާ ޙަޟާރަތެއް ބިނާވެގެން ދަނީ، އެމުޖްތަމަޢެއްގެ މަސައްކަތްތެރިން ކުރާ ބުރަ މަސައްކަތުގެ ސަބަބުންކަމަށާއި، ޢިލްމީ ވިސްނުންތަކާއި އުފެއްދުންތެރި ފިކުރުތަކަށް، ޢަމަލީ ސިފަ ގެނެސްދޭ ބަޔަކީ ވެސް، އެމުޖްތަމަޢެއްގެ މަސައްކަތްތެރިންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި އެމަނިކުފާނުވަނީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ އެންމެހައި މުވައްޒަފުންނަށާއި މަސައްކަތްތެރީންނަށް، އަދި އެމީހުންގެ ޢާއިލާތަކަށް މަރުޙަބާ އާއި ތަހުނިޔާފޮނުވާފައެވެ. އަދި މިއަދުގެ ޚިޠާބުގައި އެމަނިކުފާނު ވަނީ މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކޮށްދީ، ޙައްޤުތައް ލިބިދިނުމަށް، މުޅި މުޖްތަމަޢު އެކުގައި މަސައްކަތްކުރުމަށް ބާރުއަޅުއްވާފައެވެ.

Written by

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!