ހޯމަ ދުވަހުން ފެށިގެން ރާއްޖެ އަންނަ އެންމެން ނެގެޓިވް ޕީސީއާރް ނަތީޖާ ގެންނަންޖެހޭ ގޮތް ހަދައިފި

މިޙާލަތުގައި ރާއްޖެއަންނަ ކޮންމެ މީހަކު 96 ގަޑިއިރުނުވާ ކޯވިޑް ނެގެޓިވް ނަތީޖާ ގެންނަން ޖެހޭގޮތަށް ހަމަޖައްސާ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.

ނެގެޓިވް ޕީސީއާރް ޓެސްޓާއެކު ރާއްޖެ އަންނަ ދިވެހިންނާއި ވޯކް ވިސާގައި ރާއްޖެ އަންނަ ބޭރު މީހުން ކަރަންޓީންވާން ނުޖެހޭގޮތަށް ކަނޑައަޅައި އާޢްމު ސިއްޙަތުގެ ދަށުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވައި ހުކުރު ދުވަހުގެރޭ އާންމު ކުރެއްވި އެންގުމުގައި ބުނެފައިވަނީ، 3 މެއި 2021 އިން ފެށިގެން ވަކިގޮތެއް އަންގަންދެން ފަތުރުވެރިންނާއި، ކޮވިޑް-19 ގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކޮށްފައިވާ މީހުން ހިމެނޭގޮތަށް، ދިވެހިރާއްޖެއަށް އަންނަ ހުރިހާ އެންމެން 96 ގަޑިއިރު ނުވާ ނެގެޓިވް ޕީ.ސީ.އާރު ޓެސްޓުގެ ނަތީޖާއަކާއެކު ދަތުރުކުރުމަށް އަންގާ ކަމަށެވެ.

މީގެތެރޭގައި އެއް އަހަރުން ދަށުގެ ކުޑަކުދީން ނުހިމެނޭނެ ކަމަށްވެސް އެންގުމުގައި ވެއެވެ.

މަތީގައި ބަޔާންކޮށްފައިވާ ފިޔަވަޅު އެޅިނަމަވެސް، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅުއްވާ ޚާއްސަ ހާލަތްތަކުގައި، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގަވާ ގޮތެއްގެ މަތީން ޢަމަލުކުރެވޭނެ ކަމަށް އެންގުމުގައި ވެއެވެ.

އަދި މިފިޔަވަޅުތައް ތަންފީޛު ކުރުމުގައި، ވަގުތާއި ހާލަތަށް ރިޢާޔަތްކޮށް އަޅާންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނީ، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން ކަމަށްވެސް އެންގުމުގައި ވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!