ސީރިއާ ހަނގުރާމައިގައި ބައިވެރިވި ދިވެހި އަންހެނަކު 4 ދަރިންނާއެކު ތުރުކީން އަތުލައިގެންފި

އަފްޤާނިސްތާނާއި ސީރިޔާގެ ހަނގުރާމައިގައި ބައިވެރިވި ދިވެހި އާއިލާއެއްގެ އަންހެނަކު އޭނާގެ ހަތަރު ދަރިންނާއެކު ސީރިޔާއިން ތުރުކީއަށް ގަވާއިދާ ހިލާފަށް އެތެރެވެ، އެގައުމުގައި އުޅެނިކޮށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ދެންމެ ނެރުނު ބަޔާނެއްގައި ވިދާޅުވީ، ތުރުކީއިން ދިވެހި ސަރުކާރަށް އެކަން އެންގުމާ ގުޅިގެން، މި މައްސަލަ ތަހުގީގުކޮށް، އެއާއިލާއަށް ނިސްބަތްވާ ކުޑަކުދިންގެ ރަށްވެހިކަމާއި ދަތުރުފަތުރާ ގުޅުންހުރި ލިޔުންތަކާއި އެފަރާތްތައް އަނބުރާ ދިވެހިރާއްޖެއަށް ގެނައުމަށް ހަމަޖައްސަންޖެހޭ އިދާރީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޓީމެއް މިވަގުތު ދަނީ ތުރުކީގައި، އެގައުމުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހަރަކާތްތެރި ވަމުން ކަމަށެވެ.

ފުލުހުން ވިދާޅުވީ މިހާތަނަށް މިމައްސަލައިގައި ހޯދިފައިވާ މައުލޫމާތަށް ބަލާއިރު، ތުރުކީގެ އިދާރާތަކުގެ ބެލުމުގެ ދަށުގައި ހުރި އަންހެންމީހާ އަކީ އަފްޤާނިސްތާނާއި ސީރިޔާގެ ހަނގުރާމައިގައި އުޅުނު ދިވެހި ދެ ފިރިހެނަކަށް ހަތަރު ދަރިން ލިބިފައިވާ އަންހެނެއްކަމާއި، މީގެ ތެރެއިން އެންމެ ހަގު ދެކުދިން އުފަންވެފައިވަނީ އަފްޤާނިސްތާނާއި ސީރިޔާގައި ދިރިއުޅުނުއިރުކަމަށް ބުނެފައިވާތީ، މި ދެ ކުދިންނަކީ ދިވެހި އަންހެން މީހާގެ ދަރިންކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން، ހަނގުރާމަވެރި ސަރަހައްދުތަކުގައި ތަފާތު ބިރުވެރި ތަޖުރިބާތައް ކުރެވި ނަފުސާނީގޮތުންނާއި ސިއްހީގޮތުންވެސް ބޮޑެތި އަސަރުތަކެއް އެ އާއިލާއަށް ކޮށްފައިވާކަން ފާހަގަ ކުރެވިފައިވާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އެ ބަޔާނުގައި އިތުރަށް ވިދާޅުވީ ތުރުކީގެ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ތިބި އެ ދިވެހި އާއިލާގެ ރަސްމީ އެއްވެސް ލިޔުމެއް ނެތުމުން، އެފަރާތްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ރަށްވެހިކަން އޮތް ފަރާތްތަކަށް ދަތުރުފަތުރު ކުރުމަށް ބޭނުންވާ ލިޔުންތައް ތައްޔާރުކުރުމާއި ރާއްޖެއިން ބޭރުގައި އުފަންވި ކުދިންގެ ރަށްވެހިކަމާއި ރެޖިސްޓްރޭޝަނާގުޅޭ ކަންކަން ހަމަޖެއްސުމަށްޓަކައި ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް ގާނޫނީ ހައްލުތަކެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!