ބައްޕަ އިރްފާން ވަކިވެދިޔުމުން އަމިއްލައަށް މަރުވާން ހިތަށް އެރި: ބާބިލް ޚާން

ބޮލީވުޑްގެ ހުނަރުވެރި އެކްޓަރު އިރްފާން ޚާންގެ މަރަށް އިއްޔެ އެއް އަހަރު ފުރުމާ ގުޅިގެން، އޭނާގެ އާއިލާއިން ގިނަ ވާހަކަތަކެއް ހިއްސާކޮށްފިއެވެ.

ބައްޕަ ވަކިވެދިޔުމާއެކު ކުރިމަތިވި ފުން ހިތާމައާ ބެހޭގޮތުން ‘ޓައިމްސް އޮފް އިންޑިއާ’ އާ ވާހަކަދައްކަމުން އިރްފާންގެ ދޮށީ ދަރިފުޅު ބާބިލް ޚާން ބުނީ، އެ ހިތާމައިން އަރައިނުގަނެވިގެން އަމިއްލައަށް މަރުވާން ހިތަށް އެރި ކަމަށެވެ. އަދި އިރްފާން މަރުވެގެން ވޭތުވި ފުރަތަމަ ދުވަސްކޮޅުގައި ހިތްވަރުކޮށްގެން އާއިލާއަށް ހިތްވަރުދިނުމުގައި ހުރި ކަމަށާއި، ނަމަވެސް މާ ގިނަ ދުވަސްތަކެއް ނުވަނީސް ކެތްނުކުރެވޭ ދަރަޖައަށް ދިޔަ ކަމަށް ބާބިލް ބުންޏެވެ.

އެއާއެކު ދެން ވެއްޓުނީ ޑިޕްރެޝަންގެ ފުން ވަޅުގަނޑަކަށް ކަމަށް އޭނާ ބުންޏެވެ. އެންމެ ބޮޑަށް ވިސްނެނީ ބައްޕަގެ އުމުރުގެ ބާކީބައި ގަދަ ވޭނުގައި އުޅެންޖެހުމުން އެކަމާ ކަމަށް ބާބިލް ކިޔައިދިނެވެ. “އަހަރެން ހަނދާންވޭ ބައްޕަ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން އުޅުނުއިރު، ކުޑަކަމުދާންވެގެން ބައްޕަގެ ހަށިގަނޑަށް ހޮޅި ގުޅި ދުވަހު ނަރުހުން އަހަރެން ކައިރީ ބޭރަށް ނުކުންނަން ބުނި ދުވަސް. އަހަރެން ނުކުންނަނިކޮށް ބައްޕަ ހަޅޭއްލެވި އަހަރެންގެ ނަމުން، އެކަނި ކޮށްފަ ނުދާށޭ ކިޔާފަ. އެކޮޓަރި ބޭރުގަ އަހަރެން މަޑުކޮށްލައިގެން ހުރިއިރުވެސް ބައްޕަ އަހަރެންގެ ނަމުން ގޮވި އަޑު އަހަން އަހަރެން ހުރީ، މަޖުބޫރީ ހާލަތެއްގަ. އެ އަޑުގައި ވީ ވޭން ސިފަކޮށްދޭކަށް ވެސް އަހަންނަކަށް ނޭނގޭ”.

ބާބިލް ބުނީ، މިހާރު އެންމެ ދެރަވާ އެއް ކަމަކީ އޭނާގެ އެކްޓިންގ ވެސް ނުފެނި ބައްޕަ ވަކިވުމުން ކަމަށެވެ. ބާބިލް އަންނަނީ ބޮލީވުޑްގައި ކެރިއަރު ފެށުމަށް ތައްޔާރުވަމުންނެވެ.

މީގެ އެއް އަހަރުކުރިން އިރްފާން މަރުވީ ކޮލޮން ކެންސަރުގެ ޝިކާރައަކަށް ވެގެންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!