ޝެހެނާޒަށް އިނގިރޭސި އެނގޭކަން ދައްކައިލީ ތަފާތު ގޮތަކަށް

“ބިގް ބޮސް 13” ގައި ބައިވެރިވެގެން ބޮޑު މަޝްހޫރުކަމެއް ހޯދި ޕަންޖާބުގެ އެކްޓްރެސް/ލަވަކިޔުންތެރިޔާ ޝެހެނާޒް ގިލް އަށް އިނގިރޭސި ބަސް އެނގޭކަން ދައްކާލައިފިއެވެ.

ޝެހެނާޒަށް އިނގިރޭސިބަހުން ރީތިކޮށް ވާހަކަދައްކަން ނޭނގޭ ކަމަށް މީގެކުރިން އޭނާ އަމިއްލައަށް ވަނީ އެއްބަސްވެފައެވެ. އަދި “ބިގް ބޮސް” ޝޯގައި އެވާހަކަ ހިއްސާކުރުމުން، ޝޯގެ ހޯސްޓު ސަލްމާން ޚާން ވަނީ އެކަން މަޖާކަމެއްގެ ގޮތުގައި ނަގައި ޝެހެނާޒާ ސަމާސާކޮށްފައެވެ.

މަޝްހޫރު ތަރިއަކާ ބަލާފައި އިނގިރޭސި ނޭނގޭ ކަމަށްބުނެ ފަހުން ޝެހެނާޒަށް ބައެއް މީހުންގެ ފާޑުކިޔުންވެސް އަމާޒުވިއެވެ. ކޮންމެއަކަސް، އެ ފާޑުކިޔުންތަކަށް ޝެހެނާޒް މިއަދު ވަނީ ވަރުގަދަ ރައްދެއް ދީފައެވެ.

އެގޮތުން އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއެއްގައި އޭނާ ވަނީ އިނގިރޭސި ލަވައެއް ވަރަށް ފަރިތަކަމާއެކު ކިޔައިފައެވެ. އެއީ ޖަސްޓިން ބީބާގެ މަޝްހޫރު ލަވަ “ޕީޗަސް” އެވެ.

“ކާކު ބުނީ އަހަންނަށް އިނގިރޭސި ނޭނގެޔޭ؟ ޕަންޖާބު ރާގެއް ހުއްޓަސް އިނގިރޭސި ވާނީ ހަމަ އިނގިރޭސިއަށް”، ލަވަކިޔަން ފެށުމުގެ ކުރިން ޝެހެނާޒް ބުނެއެވެ. މި ވީޑިއޯއަށް ވަނީ ގިނަ ބައެއްގެ ތަޢުރީފު ލިބިފައެވެ. ވީޑިއޯގެ ކެޕްޝަންގައި ޝެހެނާޒް ވަނީ އިންޑިއާ ރައްޔިތުންނަށް ޙާއްސަ މެސެޖެއްވެސް ދީފައެވެ. އެއީ އެ ޤައުމުގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެފައިވާތީ، ގޭގައި ތިބުމަށް އޭނާ ދިން ނަސޭހަތެކެވެ.

“ގޭގައި ހުރެގެން އާ ހޮބީއެއް ފައްޓާ، ނުވަތަ ކުރީގެ ހުނަރެއް އިތުރަށް ރަނގަޅުކުރަން ވެސް މަސައްކަތް ކުރެވިދާނެ. ބޭރަށް ނުނުކުމެ ގޭގައި ހުރެގެން ފޫހިފިލުވިދާނެ ބައިވަރު ގޮތްގޮތް އެބަހުރި. އަހަރެމެންގެ ރައްކާތެރިކަމަށް ޒިންމާވާންޖެހޭނީ އަހަރެމެން އަމިއްލައަށް”، ޝެހެނާޒް ލިޔެފައިވެއެވެ.

ޝެހެނާޒް، 28، އަކީ އޭނާގެ މަޖާ މިޒާޖުގެ ސަބަބުން ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ތަރިއެކެވެ. “ބިގް ބޮސް” އަށް ފަހު އޭނާ ވަނީ ވިޑިއޯ ލަވަތަކެއް ކުޅެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!